ރައީސް ޑރ.މުހައްމަދު މުއިއްޒު އާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި މަޖިލީހާއި ސަރުކާރާއި ޖެހެންވެސް ޖާގަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް އާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވެ ޕާޓީއާއި ސަރުކާރު ހިންގޭނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން އެބައޮތްކަމަށެވެ.

"އަޅުގަނޑާ ރައީސް ޑރ. މުޢިއްޒާ ދޭތެރޭ އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ދިމާ ނުވާނެ. މަޖިލީހާ ސަރުކާރާ ޖެހޭކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެއަށްވުރެ ބޮޑަށް ގުޅިގެން އެކީގައި މަސައްކަތްކުރާނީ. އޭގެ މާނައަކީ ދެބާރު އެއްވަނީއެކޭ ނޫން." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކާއި ތާއީދު މި ސަރުކާރަށް އެބައޮތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސުޕާމެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދިނީ އެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށް ކަމަށެވެ. އެހެންކަމުން ސަރުކާރާއި ގުޅިގެން މަޖިލީހުގެ ހުރިހާ މަސައްކަތެއް ކުރިޔަށް ގެންގޮސް ރައީސް މުއިއްޒަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އަމިއްލަ ފައިދާއަށް މަޖިލިސްތެރޭ މަސައްކަތް ނުކުރާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ތާޢީދު އޮތްކަން ވަރަށް ސާފުކޮށް ފެންނަން އޮތްކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"އެއްވެސް ދަތިކަމެއް ނޫން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހަތްދިހަ އެތަށް މެންބަރުންނަކާ އެކީގަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާކަށް. ފިތުނަ ފަސާދައަކަށް، ބައިބައިވުމަކަށް ޖާގައެއް ނޯންނާނެ. އެއަށްވުރެ މާ ގާތުން ރައީސް ޑރ. މުޢިއްޒު ޕާޓީގެ ކަންކަން ބައްލަވާ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަމަށާއި ކޮންމެ މެންބަރަކަށްވެސް ރައީސްއާ ވާހަކަ ދެއްކޭނެ ކަމަށެވެ. މީގެ ކުރިން ރައީސް އާއި މެންބަރުންނާއި ބައްދަލުނުވާ ކަމާއި ކަންތައް މަޝްވަރާ ނުކުރެވޭކަން އަދުރޭ ވިދާޅުވިއެވެ. ސަރުކާރާއި މަޖިލިސް ދެމެދު މައްސަލަތައް އުފެދެނީ އޭގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުޅި އަމާޒަކަށް ވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ މި މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކާ އަޅުގަނޑުމެންގެ ފަރާތުން (ރައްޔިތުންގެ މަޖިލީހުގެ ފަރާތުން) ދޭން ޖެހޭ އެހީތެރިކަމާ އެއްބާރުލުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގަ ހަމަޖެހިފަ އޮންނަ އުސޫލާ ހަމަތަކުގެ މަތިން ފޯރުކޮށްދިނުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު ޤާނޫނާއި ގަވައިދުގެ ތެރެއިން ވިހިވަނަ މަޖިލީހުގެ ކަންތައް ކުރިޔަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޕާލިމަންޓްރީ އެފެއާޒެއް އުފައްދައި އެތަން ވަރުގަދަ ކުރައްވަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    ރައީސް އޮފީސްތެރޭ ވަކި އެފެއަޒް އެއްހަދައިގެން އުޅުނީމަ އެވަނީ ކޯޗަކަށް!

  2. ނަނަނަ

    މަޖިލީހާއި ސަރުކާރާއި އަދުރޭއާއި އަދުރޭ ދަރިއާއި މީ އެކައްޗެއްނޫންތަ؟ ކޮން މައްސަލައެއް ޖެހެވޭނީ!