އަތޮޅުތެރޭގެ ބައެއް ރަށްތަކުން ފެން ފޯރުކޮށްދިނުމަށް އެދިފައިވާތީ ފެނަކަ މެދުވެރިކޮށް މިހާތަނަށް 20 ރަށަކަށް ފެން ފޯރުކޮށްދީފައިވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކޮށްފައިވާ މަސައްކަތްތައް ހިއްސާ ކުރުމަށް އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ، ރަށްތަކުން ފެނަށް ޖެހޭ ހާލަތްތަކުގައި އެރަށްތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި ފެނަކައާއެކު އެއްބަސްވުމެއްގައި ސޮއިކޮށް މިހާތަނަށް ފެން ފޯރުކޮށްދިނުމަށް އެދިފައިވާ 20 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށެވެ.

"ރަށްރަށުން ފެނަށް ޖެހޭ ހާލަތުގައި އެ ރަށްތަކަށް ފެން ފޯރުކޮށް ދިނުމަށްޓަކައި ފެނަކައާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައި. މިގޮތުން މިހާތަނަށް ފެން ފޯރުކޮށްދިނުމަށް އެދި 20 ރަށަކުން ވަނީ އެދިފައި، އަދި އެރަށްރަށަށް ވަނީ ފެން ފޯރުކޮށްދެވިފައި." ތޯރިގު ވިދާޅުވިއެވެ.

ހަމައެއާއެކު އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެނުގެ ނެޓްވާރކް އަޕްގްރޭޑްކުރުމަށް އެމްޑަބްލިއުއެސްސީއާއެކު 13 އެޕްރީލް 2024 ގައި ފަހުމުނާމާގައި ސޮއި ކޮށްފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ. އެ ފަހުމުނާމާގެ ދަށުން ހިތަދޫގައި އާރްއޯ ފެސިލިޓީއެއް އިމާރާތްކޮށް ބޯ ހޯލް ތޮރުފާ ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓު ޤާއިމުކުރުމުގެ އިތުރުން ފެން ރައްކާކުރުމުގެ ރިޒާވް އިތުރުކުރެވޭނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި ގުޅިފައިވާ ރަށްތަކަށް ޚިދުމަތް ދިނުމަށް 6 ތާނގި ބަހައްޓައި 13،000 ޓަނުގެ ސްޓޯރޭޖެއް އިތުރުކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއާއެކު އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުގައި ރައްކާކުރެވިފައި ހުރި 3 ގަޑިއިރުގެ ފެނުގެ ރިޒާވް ހަފްތާއެއްހާ ދުވަހުގެ ރިޒާވަށް ބޮޑުކުރެވިގެންދާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި ހުޅުމީދޫގައި ދުވާލެއްގެ މައްޗަށް 350 ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓު ފެސިލިޓީ ގާއިމު ކުރެވޭނެ ކަމަށާއި ފެން ރައްކާކުރުމުގެ ކެޕޭސިޓީ 3000 ޓަނަށް މަތި ކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތޯރިގު އިތުރަށް ވިދާޅުވީ ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ދިރާސާކޮށް، އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު