ރާއްޖޭގެ އަތޮޅުތަކުގައި ނޭޗާ ޕާކް ތަރައްޤީގުކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 23 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާ ޕާކް ޤާއިމުކުރުމުގެ ވައުދުގެ ތެރެއިން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ނުވަތަ އީއޯއައި ހުށަހެޅުމަށް ހުޅުވާލުމުން، ނޭޗާ ޕާކް ތަރައްޤީކުރުމުގެ މަސައްކަތަށް 23 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުންތައް މިހާރު އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"އެ ތޭވީސް އީއޯއައި އިވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު އެބަދޭ. އިވެލުއޭޓު ކުރުމަށް ފަހު އަޅުގަނޑުމެން ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކް ހެދުމުގެ މަސައްކަތަށް ދެން ކުރަން ޖެހޭ މަސައްކަތް މި އަހަރު ފަހުކޮޅު ކުރެވިގެންދާނެ ވާހަކަ ދަންނަވާލަން." ތޯރިގު ވިދާޅުވިއެވެ.

ތޯރިގު އިތުރަށް ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ތިން ސަރަހައްދެއްގައި ބަޔޯސްފިއަރ ރިޒާވް ޤާއިމް ކުރުމުގެ މަސައްކަތަށްވެސް އީއޯއައި އެއް ލިބިފައިވާ ކަމަށާއި އެ އީއޯއައި އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިމުމުން ބަޔޯސްފިއަރ ރިޒާމް ޤާއިމުކުރުގެ މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ޤާއިމްކޮށް އިތުރު ތިން ބަޔޯސްފިއަ ރިޒާވް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ރާއްޖޭގައި މިހާރު ނޭޗާ ޕާކް ހުރި ސަރަހައްދުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު