ފަލަސްތީނާއި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް ގިނަ ގައުމުތަކަކުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ ދައުލަތް ދުނިޔޭގެ 143 ގައުމަކުން ބަލައިގަނެފައި ވެއެވެ. އެ ލިސްޓަށް ނޯވޭ، ސްޕެއިން އަދި އަޔަލެންޑް ވަނީ އިތުރުވެފައެވެ.

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިނުން ވަނީ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި އަންނަ އަންގާރަ ދުވަހު ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާއިން ރޭ ވިދާޅުވީ، ފަލަސްތީނާއި ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް ގިނަ ގައުމުތަކަކުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަން ނުކުރާ ގައުމުތަކުން މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ސްޓޭންޑަށް އަމަލުކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ނޯވޭ، ސްޕެއިން އަދި އަޔަލޭންޑުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމިކަން އިއުލާނު ކުރިއިރު، ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ މެދު ގިނަ ގައުމުތަކަކުން ފާޅުގައި ދަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ. ސްލޮވޭނިއާ، މޯލްޓާ އަދި ބެލްޖިއަމަކީ ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ބަލައިގަންނާނެ ތޯ އާއި އެކަން ކުރާނީ ކޮން އިރަކުތޯ މަޝްވަރާ ކުރަމުން އަންނަ ގައުމުތަކެެވެ.

މިވަގުތު ނޯވޭ، އަޔަލޭންޑް އަދި ސްޕެއިންގެ އިތުރުން ޔޫރަޕްގެ އިތުރު ނުވަ ގައުމަކުން އެ ދައުލަތް ގަބޫލުކުރެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 193 މެމްބަރުންގެ ތެރެއިން 143 މެންބަރުން މިމަހު ވަނީ ފަލަސްތީނު އދ.އާ ގުޅެން ތާއީދުކޮށް ވޯޓު ދެއްވާފައެވެ.

މެދުއިރުމައްޗާއި އެފްރިކާ އަދި އޭޝިއާގެ ގިނަ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެއެވެ. ނަމަވެސް އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ޖަޕާން، ދެކުނު ކޮރެއާ އަދި ހުޅަނގު ޔޫރަޕްގެ ގިނަ ގައުމުތަކަކުން އެކަން ނުކުރެއެވެ.

މިއަހަރު ފަލަސްތީނު ބަލައިގެންފައިވާ ގައުމުތަކުގެ ތެރޭގައި ބަހާމާސް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ޖެމެއިކާ އަދި ބާބާޑޯސް ހިމެނެއެވެ.