ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ 18 އަހަރުގެ ޒުވާނާގެ ހާލު އަދިވެސް ވަރަށް ސީރިޔަސް ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފިއެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "ވަގުތަށް" ވަދާޅުވީ ކަރަންޓު ޖެހިގެން އިއްޔެ ގެނައި ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު ގެޔަށް ދޫކޮށްލި ކަމަށާއި 18 އަހަރުގެ ފިރިހެން ކުއްޖާއަށް އަދިވެސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

"ކަރަންޓު ޖެހިގެން ގެނެވުނު ކުދިންގެ ތެރެއިން ދެ ކުއްޖަކު ދޫކޮށްލައިފި ގެއަށް، އަނެއް ކުއްޖާވީ އައިސީޔޫގައި ހާލު ކްރިޓިކަލް. ރިކަވާ ވާ ވަރަށް ވުރެ ހާލަތު ވަރަށް ގޯސްކޮށް އުޅެނީ. އެހެންވެ ކްލޯސް މޮނީޓަރިންގަ ކުރިއަށް އޮތް 48 އަވާސް ޑޮކްޓަރު ބައްލަވާފައި، ބަލާނެ ކަމެއް އިތުރަށް ގޯސްވޭތޯ." ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ، ކަރަންޓުގައި ޖެހުމުގެ ސަބަބުން އެ ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ ކަމަށާއި ހާލަތު ގޯސްވަމުންދާ ކަމަށެވެ. އެހެންކަމުން އައިސީޔޫގައި ބާއްވައިގެން ޑޮކްޓަރުން ދަނީ ކުރިޔަށް އޮތް 48 ގަޑިއިރު ކުއްޖާގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ފަރުވާދެމުން ކަމަށް ވިދާޅުވިއެވެ.

ކަރަންޓުގައި ޖެހިގެން އިއްޔެ އުނގޫފާރު ހޮސްޕިޓަަލަށް ފަރުވާއަށް ގެންދިޔައީ 8 އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނިފައި އަނބުރައިގަނެގެން ވެއްޓުނު 12 އަހަރުގެ އަންހެން ކުއްޖަކަށް ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ.

މި ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި 8 އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކުއްޖާ ކަރަންޓުގައި ޖެހުނީ ކަމަށް ފަޒީލް ވަނި މައުލޫމާތު ދީފައެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާ ވެސް ކަރަންޓުގައި ޖެހިގެން ފެންގަނޑަށް ވެއްޓުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިހާދިސާގެ ޒިންމާ ނަގަން ޖެހެނީ ތިޔަރަށަށް ކަރަންޓުގެ ހިދުމަތްދޭ ފަރާތާއި މަގުބައްތި ބަލަހައްޓާ ރަށުގެ ކައުންސެލުން ، ކައުންސެލުން ޖެހޭނެ މަގުބައްތި ހޮޅިހުރީ ރަގަޅަށްތޯ ބަލަން ކަރަންޓުގެ ލީކެއް އުޅޭތޯވެސް ބަލަން ޖެހޭނެ !

    26
    0