އަދާލަތު ޕާޓީ މެންބަރެއްގެ ގޮތުގައި ހުރެ ގެންނަން ބޭނުންވާ ބަދަލުތައް ގެންނަން ދަތިވި ކަމަށް ހުރާ ދާއިރާގެ އިންތިހާބީ މަޖިލީސް މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

"ވަގުތު ޓީވީ"ގެ ތަފްސީލީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ، މީގެ ކުރީގެ އަދާލަތު ޕާޓީގައި ހުންނަވައިގެން ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވި ކަމަށެވެ. އެހެންވެ، ބަދަލު ގެނައުމަށްޓަކައި ޕާޓީން ވަކިވެ އަމިއްލަ ގޮތުން ހުރާ ދާއިރާއަށް ކުރިމަތިލެއްވީ ކަމަށް ވިދާޅުވިއެވެ.

"ކުރީގަ އަޅުގަނޑަށް ކުރެވިފައި ހުރި ތަޖުރިބާ އަކީވެސް އަދާލަތު ޕާޓީގައި އެންމެ މެމަބަރެއްގެ ހައިސިއްޔަތުން ހުރި އަޅުގަނޑުމެންނަށް އަސްލު ގެންނަންވާ ހެޔޮ ބަދަލުތަކާއި، ގާނޫނަށް ގެންނަން ބޭނުންވާ ހެޔޮ އިސްލާހު ތަކާއި، މިކަންކަން ކުރުމަށްވެސް ދަތި ތަކެއް އައި އެހެންވީމަ އަޅުގަނޑު ބޭނުންވަނީ މި ފަހަރު އަޅުގަނޑުގެ ދާއިރާއަށް ވެސް ކުރިއެރުމާއި ތަރައްގީ ލިބި ހަމަ ރައްޔިތުންވެސް ބޭނުން ވަނީ ވެސް އެގޮތަށް، ދާއިރާގެ ރައްޔިތުންވެސް ބޭނުންވަނީ ރަށްރަށަށް ގެނެވެން ހުރި ތަރައްގީއެއް މި ފަސް އަހަރަކު ގެންނަން." އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ، ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުން އެ ބަދަލުތައް ގެންނަން ފަސޭހަވާނެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ފަހަތަށް އަރުއްވައި ހުރާ ދާއިރާއަށް ތަރައްޤީ ގެނައުމަށްޓަކައި މަޖިލިސް ތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"ހިންމަފުށި، ގުޅި، ހުރާގެ ރައްޔިތުންނަށް ވެސް ހެޔޮ ކުރިއެރުންތަކެއް، ތަރައްގީ ތަކެއް، މި ރަށްރަށަށް ގެނެވޭތޯ މަސައްކަތްތަކެއް ކުރާނީއޭ ޕީއެންސީ އާއިއެކު،" ޕީއެންސީއަށް ސޮއި ކުރެއްވި ސަބަބާ ގުޅޭގޮތުން އަނާރާ ވިދާޅުވިއެވެ.

މިފަހަރު މަޖިލީިހަށް ކުރިމަތިލެއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި ހިއްސާވުން ކަމަށް އަނާރާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ތައުލީމާއި ބެހޭ ގާނުނާއި، އާއިލާއާއި ބެހޭ ގާނޫނާއި، އަދި މީގެ އިތުރުންވެސް މުޖުތަމައުއަށް ފައިދާކުރާނެ ގާނޫންތައް ހައްދަވަން ވަކާލާތު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަނާރާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދިވެސް އަންހެނުންގެ ދައުރު ފުޅާ ކުރަން ޖެހޭ ކަމަށެވެ. އަނާރާ ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގައި ވެސް އަންހެނުންގެ ދައުރު މިހާރަށްވުރެ އިތުރަށް ފުޅާކުރަން ޖެހެއެވެ. އަދި މަޖިލީހުގެ ކޮންމެ ކޮމިޓީއަކަށް މަދުވެގެން އެއް އަންހެނުން ހުންނަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރީ

    ގާނޫނު ހަދާ މަޖިލީހަކުން ނޫން އިނގޭތޯ ތަރައްގީގެ ކަންކަން ނިންމަނީ. ގާނޫނު ހަދާ މަޖިލީހުން ގާނޫނު އިނގޭތޯ ހަދަނީ. ދެން ކޮން ތަރައްގީ ގެނެސްދޭވާހަކެ އެއްތަ ތިޔަ ދައްކަނީ.

  2. ސަރީ

    ގާނޫނު ހަދާ މަޖިލީހަކުން ނޫން އިނގޭތޯ ތަރައްގީގެ ކަންކަން ނިންމަނީ. ގާނޫނު ހަދާ މަޖިލީހުން ގާނޫނު އިނގޭތޯ ހަދަނީ. ދެން ކޮން ތަރައްގީ ގެނެސްދޭވާހަކެ އެއްތަ ތިޔަ ދައްކަނީ.. ..

  3. އަޙްމަދު

    އަޅުގަނޑުމެން ރައްޔިތުން އުނމީދުކުރާފަދަ ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށް އުންމީދުކުރަން

    3
    3