ފިހަޅޮހި އައިލެންޑް ރިސޯޓްގައި ގެނބިގެން މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ އޮފިޝަލަކު ވަނީ މިކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.
އޮފިޝަލް ވިދާޅުވީ، އެ މީހާގެ ހަށިގަނޑު މިހާރު އޮތީ އޭޑިކޭގައި ކަަމަށެވެ.
ފުލުހުން ވިދާޅުވީ، އެ ރިސޯޓްގައި ސްނޯކްލިންގ އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ އަށް ގެންދާ ކަމަށް މިއަދު 11:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ. އަދި އޭޑީކެއަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ނިޔާވެފައި ވަނީ ރަޝިޔާ އަށް ނިސްބަތްވާ 67 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
އިއްޔެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން މޫދަށް ފުންމާލި ދިވެހި މުވައްޒަފަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ އދ. ސެންތާރާ ރިސޯޓުގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން އެމީހާ ސަލާމަތް ކުރަން މޫދަށް ފޭބި މީހެކެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫއަށް އުފަން އަފްސަލް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ނިޔާވެފައިވަނީ ފަތުރުވެރިޔާ ސަލާމަތް ކުރަން މޫދަށް ފުންމާލުމުން ގެނބިގެން ކަމަށްވާއިރު، ގެނބުނު ފަތުރުވެރިޔާ ސަލާމަތްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.