އއ. އަތޮޅު ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

މަތިވެރި ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒު "ވަގުތު" އަށް ވިދާޅުވީ، ގަންގެހި ރިސޯޓުން ޗައިނާ ފަތުރުވެރިޔަކު މަރުވެގެން އިއްޔެ އެރަށު ސިއްޚީ މަރުކަޒަށް ގެނެވުނު ކަމަށާއި މަރު ސާބިތު ކުރުމަށްފަހު އެއާރ ޓެކްސީގައި ހަށިގަނޑު މާލެ ގެންދެވުނު ކަމަށެވެ.

"އިއްޔެ ހެދުނު ގެނައި މީހަކު މަރުވެގެން. މިރަށަށް ގެނެސް މަރު ސާބިތުކޮށްގެން އެއަރ ޓެކްސީގައި އިއްޔެ މާލެ ގެންދިޔައީ. އެއީ ގަންގެހި ރިސޯޓުން ގެނައި މީހެއް. މޫދަށް އެރި އުޅެނިކޮށް މަރުވެގެން." ނާފިޒު ވިދާޅުވިއެވެ.

އއ. މަތިވެރި ކައިރީ އޮންނަ ގަންގެހި ރިސޯޓުގައި ހުރި ޗައިނާ ފަތުރުވެރިޔާ މަރުވީ އިއްޔެ ހެދުނުގެ ވަގުތެއްގައި މޫދަށް އެރި އުޅެނިކޮށެވެ. އެރަށުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ފަތުރުވެރިޔާ މަރުވެގެން ގެނެވުނީ މަތިވެރިއަށެވެ. އަދި ގަންގެހި ރިސޯޓުގެ ކްލިނިކުގައި ޑޮކްޓަރެއް ނުހުންނަ ކަމަށާއި ރިސޯޓު ބީޗުގައި ގާޑެއްވެސް ނުހުންނަ ކަމަށް އެމީހާ ވަނީ މައުލޫމާތު ދީފައެވެ.

"އިއްޔެ ހެނދުނު ގަންގެހި އިން މޫދަށް އެރުނު ޗައިނާ ގެސްޓެއް މަރުވެގެން މިރަށަށް ގެނައި. ބީޗުގަ ނުހުރޭ އެރަށުގަ ލައިފް ގާޑެއް. ކްލިނިކުގަ ނުހުރޭ ޑޮކްޓަރެއް." އެމީހާ ބުންޏެވެ.

ހަމައެއާއެކު މީގެ 2 ހަފްތާ ކުރިން ހަމަ އެ ރިސޯޓުން ޑައިވިންގއަށް ފޭބި ފަތުރުވެރިޔަކު ވެސް މަރުވެގެން މަތިވެރިއަށް ގެނެވުނު ކަމަށް އެމީހާ ވަނީ މައުލޫމާތުދީފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި ހުރި ފަތުރުވެރިއަކު ވެއްޓި ހަބަރު ހުސްވެފައިވާ ކަމަށް އިއްޔެ ހެނދުނު 10:31 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ފަތުރުވެރިޔާގެ މަތިވެރި ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެއީ 34 އަހަރުގެ ޗައިނާގެ އަންހެނެކެވެ.

މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން މޫދަށް އެރި އުޅުމަށާއި ކަނޑު ދަތުރުފަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގަންގެހި ރިސޯޓުގައި ފަތުރުވެރިއަކު މަރުވެފައިވާއިރު، އިއްޔެގެ ވަގުތެއްގައި ސެންތާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން މޫދަށް ފުންމާލި ދިވެހި މުވައްޒަފަކު ވެސް ވަނީ ގެނބިގެން ނިޔާވެފައެވެ. އަދި ފިހާޅޮހި އައިލޭންޑް ރިސޯޓުން ސްނޯކްލިންއަށް ފޭބި ރަޝިއާ ފަތުރުވެރިއަކު ވެސް ވަނީ މިއަދު މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސލ

    ފަތުރުވެރިން މޫދަށް އެރި އުޅުމުގައާއި ޑައިވިން ނުވަތަ ސްނޯކްލިން ކުރުމުގައި މަރުވާ މީހުން ގިނަވުމަކީ ރާއްޖޭގެ
    ފަތުރުވެތިކަމަށް ނޭދެވޭ އަދަރު ކޮއްފާނެކަމަކަށްވާތީ ހުރިހާ
    ފަރާތްތަކުން މިކަމަށް ދޭ ސަލާލުކަން މާބޮޑަށް އިތުރުކުރަން
    ޖެހެއެވެ.

  2. ހަސަނުގެ ދަރި ލަތީފް

    ކޮން ދުވަހަކުންބާ ލައިފްގާރޑުން ބަޢި ތިއްބާނީ

  3. ޖަޒީރާމަނިކު

    މިރާއްޖޭ ފުލުހުންގެ އަތްމަތީ ދޫފަސޭހަބަސް [ކަމާގުޅިގެން ބަލަންޖެހޭކަންކަން ދަނީ ބަލަމުން]