ބްލެކްމެއިލް މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި ދެ މީހެއްގެ އަތުން ފެނުނު ފޯނުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތަކެއް ހުރިކަން އެނގިއްޖެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެމީހުން ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އެމީހުން ބަންދު ކުރި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އެ ދެމީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮންނަ ދެ މީހުންނެވެ. އެމީހުންނަށް ފުލުހުން ކޮށްފައިވަނީ ބްލެކްމެއިލް ކުރުމުގެ އިތުރުން، ފޭރުމާއި ބިރުދެއްކުމުގެ ތުހުމަތެވެ.

އެމީހުން ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބު ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ އެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އެމީހުން ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ޤަރީނާ ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން އެމީހުން ހައްޔަރު ކޮށްފައިވަނީ ހާދިސާ ހިނގުމަށްފަހު، ގިނައިރުތަކެއް ނުވަނީސް ހާދިސާ ހިނގި ތަނުން ކަމަށާއި މައްސަލަ ހުށަހަޅާ ފަރާތުން ދީފައިވާ ބަޔާނުގައި ބަޔާންކޮށްފައިވާ ކަންކަން، ސީންއަށް ދިޔަ ފުލުހުންގެ ބަހުން ދިމާވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން އެމީހުންގެ އަތުން އަނިޔާ ލިބުނު ފަރާތުން ފޯނު ފަނިފައިވާއިރު، އެ ފޯނުން ގިނަ ބައެއްގެ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯއާިއ ފޮޓޯ ފެނިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.