ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އިއުލާނު ކޮށްފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފަހުމީ ވިދާޅުވީ، މި ހަރަކާތަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ކޮޕް28 ސަމިޓުގައި އިއުލާނު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ، އެމަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ހަރަކާތެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މަހުފަހިވާނެތީ، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން މުހިންމު ކަމަށް ދެކޭ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ކޮޕް28 ސަމިޓުގައި ރައީސް މުއިއްޒު އިއުލާނު ކުރެއްވި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ ޖޫން 5 ވަނަ ދުވަހު ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެންކަން ފާހަގަ ކޮށްލެވެއެވެ.