ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަދިވެސް ރަނގަޅުވެފައި ނުވާތީ، ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މިރޭ 20:00 އިން ފެށިގެން މެންދަމު 01:00 އަށެވެ.

މެޓުން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، މީގެ ކުރިން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ވެސް މިއަދު ތިން ފަހަރު މަތިން މެޓުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓްއިން ލަފާކޮށްފަައިވެއެވެ.

މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅައި، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް ކޮންސްޓަރަކްޝަން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކަނޑުތައް ގަދަވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.