އިމިގްރޭޝަން ޤާނޫނު އެއްވެސް މީހަކާއި މެދު ތަފާތު ކުރުމެއްނެތި ތަންފީޒު ކުރައްވާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ތަފާތު ކުރުމެއްނެތި ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނުގެ 08 ވަނަ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހަކު ރާއްޖެ އެތެރެވުން ހުއްޓުވުމުން އޭނާގެ ޤާނޫނީ ވަކީލުން ޝަކުވާ ކުރަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އެތެރެވާން އުޅުމުން އެތެރެވުމުގެ ހުއްދަ ނުދިން މީހަކީ އިމިގްރޭޝަން ގާނޫނުގެ 20 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް އެޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މިމަހުގެ 04 ވަނަ ދުވަހުން ފެށިގެން ވަކިމުއްދަތަކަށް ދިވެހިރާއްޖެ ނާދެވޭގޮތަށް ޑީޕޯޓް ކޮށްލާފައިވާ މީހެކެވެ. އޭނާ އަކީ ކުރިން ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅުނު މީހެކެވެ. ބިދޭސީ މީހާގެ މައްޗަށް ޖިނާއީ ގިނަ ކުށްތަކެއްގެ ތުހުމަތު ވެސް ކުރެވިފައި ވެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އިން ފުރައިގެން ދާން ބޭނުންވާ މީހުންނާއި، ރާއްޖެއަށް އެތެރެވާ މީހުންނާއި އަދި ރާއްޖެ އެތެރެވެ ރާއްޖޭގައި ތިބި ބިދޭސީންގެ މައްޗަށް ވެސް އިމިގްރޭޝަން ގާނޫނު ހިންގުމުގައި އޭނާ ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ހުރިހާ އެންމެންގެ މައްޗަށް އެއްވެސް ތަފާތު ކުރުމެއްނެތި އިމިގްރޭޝަން ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަށެވެ.

ސަރުކާރު ބަދަލުވެ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން އަންނަނީ ގާނޫނާއި ހިލާފުވާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރަމުންނެވެ. އިމިގްރޭޝަނުން މިހާރު ނިންމާފައި ވަނީ ޤާނޫނާއި ހިލާފުވާ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙެހެހ

    ވަރަށް ސާބިތު ނިންމުމެއް ، މަޤާމު ގެއްލުނަސް ޤާނޫނު ނަގަހައްޓަންވާނެ ، ގިނަފަހަރަށް މަޤާމުގެ ދަހިވެތިކަމުގައި ފައިސާ ހުރިމީހުނަށް ދޫދެވެނީ

  2. ޜައްޔިތުމީހާ

    ޔުނިފޯމް މުއައްސަސާތަކުގެ ސިޔާސީމަގާމްތަކައް އައްޔަންކުރާބޭފުޅުން އެމުއައްސަސާއެއްގެ އެންމެމަތީ ރޭންކްއާއި މެޑެލްޔާއި ކުލަބަރިޖަހާ ޔުނީފޯމްލުން މީބަދަލްކުރަންޖެހޭކަމެއް

  3. ކުރިސްދީ

    ސާބަސް ދަރިޔާ. ޗޯރު ސަރުކާރުގަ ފަސްއަހަރު އޮތީ ކުރިންބުނިއެތި ކެންސަލް ކުރުން. މިސަރުކާރުގަ އެހެން ވިޔަ ނުދޭތި މުސްތަގުބަލުގަ. ކަންކަން ކުރަންވާނީ 4 އަނގޮޅި ޗެކުކޮށްފަ. ކަމަކަށް ކަމެއް ނޫން.

  4. ޖާބެ

    މަގުމަތިން މިހާރަކު ނުފެނޭ ވިސާޔާ ނުލާ އުޅޭ ބިދޭސީންނެއް ، ތިޔަ ސްޓޭޓް މަންޓާއެކު އެމީހުން ގެއްލިއްޖެ

  5. ޙުސެންބެ

    ޖުޑިސަރީ އަށާއި ޕޮލިހަށް ނުވާކަމެއް ވާނީ ކިހިނެއްބާ އަނގައޮތީމަ ކޮންމެއެއްޗެއްވެސް ބުނެވިދާނެ.....ކީކޭތޯ..

  6. އަލީ

    ސުވާލެއް ކޮށްލަން ބޭނުމެވެ. މިދިޔަ އަހަރު ރާއްޖެ އެތެރެވި ޓުއަރިސްޓުންގެ ތެރެއިން މި އަހަރުގެ މިހާތަނަށް ކިތައް މީހުންތޯ ފުރައިގެން ދިޔައީ. ނުދާނަމަ ނުދާ މީހުންގެ އެއްވެސް ހިސާބެއް ބަލަހައްޓަމުތޯ؟؟؟