އަވަށްޓެރި ސްރީލަންކާގެ ޓުއަރިސްޓް ވިސާއަށް ބަދަލުތަކެއް ގެނައި ނަމަވެސް، އެގައުމަށްދާ ދިވެހިންނަށް އޮން-އެރައިވަލް 30 ދުވަސް ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ލަންކާގެ ޓުއަރިސްޓް ވިސާއަށް ގެނައި ބަދަލުތަކާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގައި އީ-ވިސާގެ އާ ނިޒާމެއް އިއުލާން ކުރުމާއި އެކީ އެގައުމަށްދާ ދިވެހިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މިނިސްޓްރީން އަންނަނީ އެގައުމުގެ ކަމާއި ބެހޭ އިދާރާތްތަކާއި މަޝްވަރާ ކުރަމުން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ދިވެހިންނަށް އެގައުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. އަދި 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެގައުމުގައި މަޑު ކުރާނަމަ، ހަ މަސް ދުވަހަށް ވިސާ އިތުރު ކުރެވޭނެއެވެ.

ހަ މަސް ދުވަހަށް ވިސާ އިތުރު ކުރެވޭނީ އެކަމަށް ހާއްސަ ޕޯޓަލް އެއް މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރާއިރު، އިދާރީ ފީއެއް ވެސް ދައްކަން ޖެހޭނެއެވެ.

މިނިސްޓްރީން ވިދާޅުވީ، މިހާރު ލަންކާގައި ތިބި އަދި ވިސާގެ މުއްދަތު އިތުރު ކުރަން ޖެހޭ ފަރާތްތަކަށް ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ގުޅައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެގައުމުގެ ވިސާ ނިޒާމަށް ގެނައި ބަދަލުތަކާއި އެކީ ދިވެހިންނަށް އެހީތެރިވާން މަސައްކަތް ކުރަމުންދާ ކަމަށާއި އެގައުމަށްދާން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީއާއި ގުޅުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަންކާ މައްލި

    މިހާރު ވެސް ވިސާ އިތިރު ނުކުރެވި ބައިވަރު ދިވެހިން އެބަތިބި ކޮލަމްބޯގަ. ޜާއްޖެ އެމްބަސީއަށް ދިޔާމަ ވާނުވާއެއް ނޭނގޭ މީހުންތިބީ އެތާ. ޢެހީއެއް ނުވި. ބުނީ އިމިގްރޭޝަންއަށް އަމިއްލައަށް ދާށޯ. މައްސޫދު އިމާދު އިސްތިއުފާ!!