ކަނޑުމަހުގެ ވިޔަފާރީގެ ބާޒާރުގަައި ހުރިހާ އެންމެންނަށް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

18 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ތަޤުރީރު ކުރައްވަމުން ޝިޔާމް ވިދާޅުވީ އެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެމަނިކުފާނު ވަނީ ތަރައްޤީވަމުން އަންނަ ގައުމުތަކުން މަހުގެ އުފެއްދުންތައް މާކެޓަށް ވެއްދުމަށް ހުރި ހުރަސްތައް ނައްތާލުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވާދަކުރުމަށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޮޑެތި ދަތިތަކެއް އެބަހުރިކަން ވަޒީރު ފާހަގަކޮށްލިއެވެ.

"މުޅި ދުނިޔޭގައިވެސް ކަނޑު މަހުގެ ވިޔަފާރީގެ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދީ، ހަމަހަމަ ޕްލެޓްފޯމެއް އުފެއްދުމަށް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު މީ" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަވައިލެންސް ހަރުދަނާކޮށް މަސްވެރިކަމުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވަޒީރު ވިދާޅުވީ ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުމުގެ ސަބަބުން މަސްވެރިންނާއި މަސްވެރިކަމަށް ބަރޯސާވާ މުޖްތަމަޢުތަކަށް ނުރައްކާ އެބައޮތް ކަމަށެވެ. އަދި މަސްވެރިކަމުގެ ސަބަބުން، ރާއްޖެފަދަ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ގައުމުތަކުން ކުރާ މަސައްކަތްވެސް ނާކާމިޔާބު ވެގެންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަނަކީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށް ދިޔަ ދެމެހެއްޓެނިވި މަސްވެރިކަމާއި ގުޅޭ މަތި ފަންތީގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ ކޮންފަރެންސެކެވެ.

އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ކަނޑު މަހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު