އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނު ލ. މާވަށަށް 95.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، ބައެއް ހިސާބުތަަކަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލާއި އިންޒާރުވެސް ނެރެފައި ވެއެވެ.

މެޓްއިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މާވަށެވެ. އެ ރަށަށް 95.4 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ލ. ކައްދޫއަށެވެ. އެރަށަށް 84.3 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހުނީ ށ. ކޮމަންޑޫއަށެވެ. އެރަށަށް 22.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ކިޔުންތެރިންގެ ހިޔާލު