ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކުރި އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ ހުރިހާ އިދާރާތަކަށް ރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ (އެމްޑީޕީ)ން ގޮވާލައިފިއެވެ.

ނިރުބަވެރި އިސްރާއީލުން މިމަހުގެ 7 ވަނަ ދުވަހު ރަފާހަށް ވަދެގަނެ، ހަމަލާތައް ދޭން ފެށުމާއި އެކީ ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި ކުއްލި މައްސަލައިގައި އިއްޔެ އެކޯޓުން ވަނީ ނިރުބަވެރި ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަމުރުކޮށްފައެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އައިސީޖޭއިން ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވާއިރު އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުއިން ފުރިހަމައަށް އަމަލުކުރުމަށް އެ ޕާޓީން ގޮވާލާ ކަަމަށެވެ.

އަދި އިސްރާއީޅުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވާއިރު ބައިނަލްއަގްވާމީ އިދާރާތަކުން އެ ގައުމާއި ދެކޮޅަށް ނެރެފައިވާ ގަރާރުތަކާއި އަމުރުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން. އަޅުގަނޑުމެންގެ ދުޢާއަކީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް ނިމުމެއް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވީ އެންމެ އަވަހަކަށް ގާއިމުވެގެން ދިޔުން،". އެ ބަޔާނުގައި ވެއެވެ.

ދުނިޔޭގެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ރަފަހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި އިސްރާއީލުން ރަފާހުގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ރަފާހުގެ މީހުން ބޭރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޅީ

    ފެއިލް ކޮށްލާފަ އޮންނާނީ އެމަޑީޕީ .

  2. ނަސީރު..

    ރައީސް އަޒުލުކުރުން މިހާރު އޮތީ ކިހިނެއްތޯ؟ އެކަން ފަނިވީތޯ؟

  3. Anonymous

    ތިއީ އެކަމަކު ޔަހޫދީންނަށް ސަޕޯޓްކުރާ ބަޔެއް ދޯ.

  4. Anonymous

    މި މީހުން ބަލާ ނުގަތީމާ މިހާރު ރައްޔިތުންގެ ދިންޕަތީ ހޯދަން ތިހެން ތިގޮވަނީ. ވެރިކަމުގައި ތިބިއިރު ނުކެރުނު އެއްފަހަރުވެސް ނަތަންޔާހޫ ހައްޔަރުކުރާށޭ ގޮވަން

  5. ސަންތި މަރިޔަނބު

    ތަނެއްގައި ފެއިލްވެފައި އޮތް އެއްވެސް ބަަޔަކު ބަލައި ނުގަންނަ ކާމްޗޯރުންތަކެއް ތިހެން ގޮވީމާ އަންނަނީ ހިނި. ބަލަގަ ވެރިކަމުގައި އޮތްއިރު ޔަހޫދީންނޭވެސް ބުނެލަން ނުކެރުނު ބައެއް މިއަދު ފަޅޮލޭ ވީދުނީމާވެސް އަންނަނީ ހިނި.