މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ، އަތޮޅާއި ހަމައަށް ހެނދުނު 6:00 އިން ފެށިގެން 11:00 އަށެވެ.

މެޓުން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެ ސަމާލުގައި ވަނީ ބުނެފައެވެ.

މެޓުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. އަދި މެދުރާއްޖެތެރެއާ އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ހުޅަނގު ދެކުނާއި، ހުޅަނގުން މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށްވެސް މެޓުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު