އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ)ގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމަނާ ދޭން ނިންމާފައިވާ ކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.

އިސެސްކޯގެ ޑިރެކްޓަރ ޖެނެރަލް ޢާދިލް ކަރިމްލީގެ ދަޢުވަތަކަށް އަޒަރްބައިޖާނަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ.

"ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024"ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ވަޒީރު އާދަމް އަޒަރްބައިޖާނަށް ވަޑައިގެންނެވީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ މި ދަތުރުފުޅުގައި ރާއްޖޭގެ ފައިދާއަށް ކުރެވުނު މައިގަނޑު ދެ ކަމަކީ އިސެސްކޯގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމަނާދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރަން ޖެހޭ ދެން ހުރި މަސައްކަތްތައް އެ ވުޒާރާއިން ކުރަމުންދާ ކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމާއި ދެމެހެއްޓުމަށް "ރެސްޓޮރޭޝަން"ގެ މަސައްކަތް ކުރުމުގައި އިލްމީ އަދި ފަންނީ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ

އަޒަރްބައިޖާނުގެ ޝޫޝާގައި އޮތް ސަގާފީ އެ ހަރަކާތަކީ، 2024 ވަނަ އަހަރުގެ ސަގާފީ ކެޕިޓަލްގެ ގޮތުގައި އިސެސްކޯއިން އަޒަރްބައިޖާނުގެ ޝޫޝާ ކަނޑައެޅުމާ ގުޅިގެން، ޤައުމީ ފެންވަރުގައި އެކަން ފާހަގަކުރުމުގެ ގޮތުން އެޤައުމުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް ހަރަކާތަކީ އިސްލާމީ ގައުމުތަކުގެ ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނަށް ދަޢުވަތު ދީގެން ކުރިއަށް ގެންދާ ސިސްސިލާ ހަރަކާތެކެވެ. އެ ހަރަކާތް ރާވައި ހިންގީ އިސެސްކޯ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު