އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ފަށާފައިވާ ކަމަށް ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވަޒިރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އުސްގެކޮޅަކީ ދިވެހި ރަސްކަމުގެ 800 އަހަރުވީ ގަނޑުވަރެވެ. އެ ގަނޑުވަރުގެ ސަލާމަތުން ހުރި ބައި ރަސްރަނި ބަގީޗާއިން ފެންނަން ހުންނާނެވެ.

އުސްގެ ކޮޅު އިންޓަރެކްޓިވް މިއުޒިޔަމަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަން މީގެ ކުރިން ވަޒީރު ވަނީ އިއުލާން ކޮށްފައެވެ. އަދި މިއީ ރައީސް މުއިއްޒު ބޭނުންފުޅުވެގެން އެތަނަށް ގެންނަ ހާއްސަ ބަދަލެއް ކަމަށް ވަޒީރު އެއިރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލު ކުރުމާއި ރަސްރަނި ޕާކު ގިނަގުނަ ތަޖުރިބާ (އިމާސިވް އެކްސްޕީރިއަންސް) އަކަށް ލިބޭ ގޮތަށް ރޭގަނޑު ބަދަލު ކުރުމުގެ މަސައްކަތަށް ބޭރުގެ ބައެއް ފަރާތްތަކާއި ވާހަކަދެކެވި، ކަމާއި ބެހޭ ލިޔެކިޔުންތައް ފޮނުވިފައިވާ ކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"އެ މަސަައްކަތް ހިނގަމުން އެބަދޭ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންގެ މި ދައުރު ތެރޭގައި ހަގީގަތަަކަށް ވެގެން ދާނެ، މިކަހަލަ ކޮންމެ ކަމަކީވެސް ހާއްސަކޮށް، އިންޓަރެކްޓިވް މިއުޒިއަމެއް ހަދާ ވާހަކަ ދައްކާއިރު، ރާއްޖެއިން މި ކަމާއި ބެހޭ ފަންނީ އެހީތެރިކަން ވަރަށް ދަތި، މިކަމާއި ބެހޭ ޕްރޮޮޕޯސަލްއެއް ހަދަން ބަލާއިރުގައިވެސް އެ ދަތިކަން އެބަ އާދޭ،".

އެހެންވުމުން ކަމާއި ބެހޭ ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކު އެކަން ދިވެހިންނަށް ބޭނުންވާ ގޮތަށް، ދިވެހިންނަށް އަސްލު ވަންތަކަން ހިމެނޭ ގޮތަށް އެކަން ކުރެވިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު