އުރުދުންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރ މޫސާ ޒަމީރު، އުރުދުންގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޯ ފޮރިން އެފެއާޒް އެންޑް ބިދޭސީން ހިޒް އެކްސެލެންސީ އައިމަން ސަފާދީއަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރު ޒަމީރު މިއަދު ފޮނުއްވި މެސެޖުގައި، އުރުދުންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އުރުދުންގެ ސަރުކާރަށާއި، އެޤައުމުގެ ރަޙްމަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ދެޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމާއި އެއްބައިވަންތަކަމުގެ ރޫޙު ކުރިއަށް އޮތް އަހަރުތަކުގައިވެސް ކުރިއަރަމުން ދާނެ ކަމަށާއި އުރުދުންގެ ހާޝިމީ ރަސްގެފާނުގެ އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދި ހެޔޮއެދުންތައް އަރިސް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އުރުދުން އަކީ ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި އެހީއަށް ބޭނުންވެފައިވާ ޣައްޒާއަށް ނުހަނު އެހީތެރިކަން ފޯރުކޮށްދޭ ޤައުމެކެވެ.

އެގޮތުން މީގެ ދެ ހަފްތާ ކުރިން ޣައްޒާއަށް އުރުދުން އިން ވައިގެ މަގުން އެހީ ފޯރުކޮށްދީފިއެވެ. އުރުދުން އިން ވަނީ 6،000 ޕައުންޑުގެ ކާބޯތަކެތި ފޯރުކޮށްދީފައެވެ.