ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ފަށައިގަންނަ އިރު، އިކޮނޮމިކް މިނިސްޓްރީ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ އެއް ބިލަކީ ފައިނޭޝިއަލް ސާވިސަސް އޮތޯރިޓީގެ ބިލް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ފައިނޭންޝިއަލް އިންސްޓިޓިއުޓް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއާ ގުޅޭ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ގާނޫނަކަށް ހެދުމަށް، މަޖިލިސް ހުޅުވޭއިރު އެންމެ ފުރަތަމަ ގެންނާނެ އެއް ބިލަކީ ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީގެ ބިލް ކަމަށް ވެސް ވިދާޅުވިއެވެ.

އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުން ހިންގާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ.

އެ އިދާރާގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ އައްޔަން ކުރައްވައިފައެވެ.

އިގްތިސާދީ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އޮތޯރިޓީއަށް 700 އަކަފޫޓާއި 1000 އަކަފޫޓުގެ ދެމެދުގެ ޖާގައިގެ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކަަމަށެވެ.މިކަމާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ 20 މެއިގެ މެންދުރު 12ގެ ކުރިން ވެލާނާގެ 11 ވަނަ ފަންގިފިލާއަށެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފްކުރުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކަމެކެވެ. ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް ވެސް މިދިޔަ މަހުގައި ވަނީ އުފައްދާފައެވެ.

މި އަހަރުތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް އެޅުމަށްފަހު ޚިދުމަތް ފަށާނެ ކަމަށް ވަޒީރު ސައީދު ވަނީ މީގެ ދެ މަސް ކުރިން ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ބޭންކް ވުޖޫދަށް ގެންނަން ބޭނުންވާ ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތްތެވެ. މި ބޭންކުން ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މީގެ ސަބަބުން މަޝްރޫއުތައް ހިންގަން ބޭނުންވާ ފަންޑް ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބޭނެ ކަމަށެވެ.

އެ އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާއި އެކު ވެސް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު