ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި ގައުމުތަކަށް މާލީ އެހީ ދިނުމުގައި ބަލަން އާ މިންގަނޑެއް ހުށަހަޅަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ "ދަ ގާޑިއަން" ނޫހަށް ލިޔުއްވި ކޮލަމެއްގައެވެ. ތަފާތު ގައުމުތައް ހިމެނޭ ވޯލްޑް ބޭންކް ފަދަ އިދާރާތަކާއި މުސްތަގިއްލު ގައުމުތަކުން ވެސް އާ މިންގަނޑު ބޭނުންކުރުމަށް އެއްބާރުލުން ދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ލިބޭ ގެއްލުމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވަނީ ރާއްޖެ ފަދަ، ސިޑްސް ގައުމުތައް ކަމަށެވެ. އެގޮތުން ދުނިޔެ ހޫނުވުމަށް މަގުފަހިކުރާ ގޭސް ރާއްޖެއިން ޖައްވަށް ދޫކުރާ ނިސްބަތް އަރަނީ 0.003 އިންސައްތައަށް ނަމަވެސް، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ނެތިދާނެ ކަމަށް ބެލެވޭ އެއް ގައުމު ކަމަށް އެމަނިކުފާޏު ވިދާޅުވިއެވެ.

ރާއްޖެ ފަދަ ގައުމުތަކަށް އެހީވުމަކީ މުއްސަނދި ގައުމުތަކުގެ ޒިންމާއަކަށްވީ ނަމަވެސް ސިޑްސްއަށް ލިބެނީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ލިބޭ މާލީ އެހީތެރިކަމުގެ 14 އިންސައްތަ ކަމަށް ރައީސް ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް އެހީ ފޯރުކޮށްދޭއިރު މިހާރު ބަލަނީ ގައުމުތަކުގެ ގްރޮސް ނެޝަނަލް އިންކަމް (ޖީއެންއައި) އާއި ގްރޮސް ޑޮމެސިޓް ޕްރޮޑަކްޓް (ޖީޑީޕީ)އަށް. އޭގެ ސަބަބުން ގައުމުތައް ނުރައްކަލަށް ހުށަހެޅިފައިވާ މިންވަރު ރަނގަޅަށް ދައްކުވައި ނުދޭ. މިސާލަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ މިންވަރަށް ބަލައި، ރާއްޖެއަކީ ވެސް ކުރިއަރަމުންދާ އިގުތިސާދެއް ކަމަށް ކަނޑައެޅުމުން މި ގައުމަށް ލިބެން ޖެހޭ ބައެއް އެހީތަކުން މަހުރޫމުވޭ" ރައީސް ވިދާޅުވިއެވެ.

މަލްޓިޑިމެންޝަނަލް ވަލްނެރަބިލިޓީ އިންޑެކްސް (އެމްވީއައި)އަކީ ގައުމުތައް އުފެދިފައިވާ ގޮތުން ދިމާވާ، މޫސުމީ ބަދަލުތަކާ ގުޅުން ހުރި ގޮންޖެހުންތައް ދައްކުވައިދޭނެ މިންގަނޑެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ފައިސާ ފޯރުކޮށްދޭ ގޮތާއި އިންޓްރެސްޓް ރޭޓް ކަނޑައަޅާ ގޮތާއި، ވިލުންވެރިކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޚަރަދުކުރާނީ ކޮން މަޝްރޫއުތަކަށް ކަން ނިންމާ ގޮތަށް ބަދަލު ނުގެނެސްފިނަމަ އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލުމުގެ ނުރައްކާ އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާ ގުޅުން ހުރި މަސައްކަތްތައް އިތުރުކުރެވޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބުރިޖާއި ކޯޒްވޭތަކުން ރަށްތައް ގުޅުވުމުން ތައުލީމާއި ސިއްހީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް އިތުރު މީހުންނަށް ލިބޭނެ މަގުފަހިވެ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މުޖުތަމައެއް ބިނާކުރެވޭނެ ކަމަށެވެ.

"ސޯލާ ފަދަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމުން ރާއްޖެއިން އިއާދަނުކުރެވޭ ހަކަތަ ބޭނުންކުރުމާ ދުރުވުމަށް ކުރާ މަަސައްކަތުގައި ކުރިއަށްދެވޭނެކަން ޔަގީންކުރެވޭނެ. ނަމަވެސް އެއީ މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން އެ އެހީ ފޯރުކޮށްދޭނަމަ" ރައީސް ވިދާޅުވިއެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ހަތަރު ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޮރ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.

ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގޭޚިޔާލު

    ދިވެހިރާއްޖޭގެ ވެރިންގެ ވިސްނުން އަބަދުވެސް މި ހުންނަނީ އެހެން ގައުމުތަކުގެ އެހީ ހޯދައިގެން ސަލާންޖަހައިގެން ދިރިއުޅެން. މީ ވަރަށް ދެރަކަމެއް. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ފެންނަނީ ނާށިގަނޑު ހިފައިގެން ގައުމުތަކަށް ދަތުރުތައް ކުރާތަން. ލިބޭ މިންވަރަކުން އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތް ކުރާނަމަ ރަނގަޅުވާނެ. ރައްޔިތުންނަށްވެސް ވިސްނައިދޭންވީ ރައްޔިތުން އެދޭ ހުރިހާ ތަރައްޤީއެއް އެއްފަހަރާ ނުގެނެވޭނެކަމާއި، ގައުމަށް އާމްދަނީ ލިބޭ މިންވަރަކުން ތަރައްޤީގެ ކަންކަން ކުރެވޭނެ ކަމަށް. ވެރިންގެ ވައުދުތައް މަތިވަމުންދާތީވެ ރައްޔިތުންގެ އުންމީދުތައްވެސް ހުންނަނީ އަރާ އާސްމާންގަ. މިރާއްޖޭގެ ހާލަތާ ނުބައްދަލު އެތައް ޚަރަދުތަކެއް ދައުލަތުން މިހާރުވެސް ދަނީ ކުރަމުން. އެއީ ރައީސުންގެ ވައުދުތައް ފުއްދުމަށް ކުރާ ބައެއް ކަންކަން.