މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

އެ ދެ މީހުންނަކީ ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ އެމީހާ ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ ގެސްޓް ހައުސްއެއް ތެރޭގައި ނޭޕާލުގެ ފިރިހެނަކު ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، އެ މައުލޫމާތު ލިބުމާއި އެކީ ފުލުހުންގެ ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި ރަހީނުކޮށްފައިވާ މީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.