މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓްއިން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު އިރުއޮއްސި 18:00 އިން މިރޭ 00:00 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މި ދުވަސްކޮޅު ކުރަމުންދަނީ ހުނޅަގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރައިގައި ފާއިދުވެދިޔަ ދެތިން ދުވަހަކު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު އިންޒާރު ނެރެފައެވެ. އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިންޒާރުވެސް ނެރެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ޗުއްޓީއަށް މާލެއަށް އައިސްތިބި ގިނަ ބަޔަކު ވަނީ ރަށަށް ނުދެވި މާލޭގައި މަޑުކުރަން ޖެހިފައެވެ. މެޓް އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މޫސުން އެއްކޮށް ރަނގަޅު ނުވި ނަމަވެސް ދަތުރުކުރެވޭވަރު ވާނެއެވެ.

އެހެންކަމުން ދެ ދުވަހު ރަށްރަށަށް ބޭނުންވާ ކާޑާއި އެކި ބާވަތްތަކުގެ ސާމާނު އަވަހަށް ގެންދިއުމަށް ނެޝަނަލް ޑިޒާސްޓާ އޮތޯރިޓީއިން އެދިފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު