ކޯޓު އަމުރެއްގެ ދަށުން މަންމަގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމަށް ފުލުހުން މަސައްކަތް ކުރުމުން ށ. ނަރުދޫގައި ހަމަނުޖެހުން ހިންގައިފިއެވެ.

ނަރުދޫން "ވަގުތު" އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ދެ އަންހެން ކުދިން މަންމައާ ހަވާލު ކުރަން އުޅުމުން ހަމަނުޖެހުން ހިންގާފައިވަނީ އެ ކުދިންގެ ބައްޕައެވެ. އެ ކުދިން މީގެ ކުރިން ތިބީ ކޯޓު އަމުރެއްގެ ދަށުން ބައްޕަގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އެ ކުދިންގެ މަންމަ އަކީ ކ. ދިއްފުށީ މީހެއް. މީގެ ދެ އަހަރެއްހާ ދުވަސް ކުދިން އެ ކުދިން މަންމަ ވަނީ ދިއްފުއްޓަށް ދިރިއުޅުން ބަދަލުކޮށްފައި. އެ ކުދިންގެ ބައްޕައާއެކު ނަރުދޫގައި އުޅުމަށް ދެކޮޅު ހަދަމުން ދިޔައީ. އެ ކުދިން އޭރު ތިބީ މަންމަ ކައިރީގައި" އެ މީހާ ބުންޏެވެ.

އެ މީހާ ކިޔައިދިން ގޮތުގައި އެ ކުދިން ބައްޕަގެ ބެލުމުގެ ދަށަށް ގެނައުމަށް ކޯޓުން އަމުރުކުރީ އަހަރެއްހާ ދުވަސްކުރިންނެވެ.

ނަމަވެސް ކޯޓުން ވަނީ އަނެއްކާ ވެސް މަންމައަށް އެ ކުދިން ދިނުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުުގައިވާ ގޮތަށް ދަރިން އެ ކުދިންގެ މަންމައާ ހަވާލުކުރުމަށް ކުދިންގެ ބައްޕަ ދެކޮޅު ހެދި ކަމަށް ވެސް އޭނާ ބުންޏެވެ.

"ބައްޕަ ކުދިން ހަވާލުކުރަން ދެކޮޅު ހެދުމުން ފުލުހުން އައިސް ކުދިން ގެންދަން މަސައްކަތް ކުރީ. އެއާއެކު ހަމަނުޖެހުން ހިނގައިގެން މި އުޅެނީ."އެ މީހާ ބުންޏެވެ.

އާންމުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން އެ ދެ އަންހެން ކުދިން ގެންދާ މަންޒަރު ފެނެއެވެ. އަދި އެ ކުދިން ނުދިއުމަށް ބޮޑާ ހާކައި ރޮއެ ހަޅޭއްލަވާ މަންޒަރުވެސް ފެނެއެވެ. އަދި ރަށުގެ ވަރަށް ގިނަ ރައްޔިތުން ވެސް އެ ސަރަހައްދަށް އެއްވެފައިވާ މަންޒަރު ފެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު "ވަގުތަށް" ވިދާޅުވީ ބައްޕަގެ ބެލުމުގެ ދަށުގައި ތިބި އެ ދެ ކުދިން ފުލުހުން ގެންދިޔައީ ގަދަކަމަކުން ނޫން ކަމަށެވެ. އެ ކުދިން ގެންދިޔައީ ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކޯޓުން ވަނީ އެ ކުދިން މަންމަގެ ބެލުމުގެ ދަށަށް ގެންދިއުމަށް އަމުރު ކޮށްފައި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ މިހާރު އެ ކުދިން ތިބީ އެ ކުދިންގެ މަންމަގެ ބެލުމުގެ ދަށުގައި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ތި ފެންނަނީ ބައްޕަ ވެސް އަދި މަންމަ ވެސް ހަމަ ބިމުގައި ނުތިބެ ޖަޒްބާތީ ވެގެން އުޅޭތީ ވާގޮތް އެންމެ ފަހަރަކު ނަމަވެސް ކުދިންނާ މެދު ވިސްނާލާނަމަ ދޯ ދެ ފަރާތުން ރީތި ގޮތުގައި ކުދިންގެ މަޞްލަޙަތުގައި ތިކަން ކުރިނަމަ ދަރިން މަންމަ ކައިރިއަށް އަދި ބައްޕަ ކައިރިއަށް ވެސް ދާނީ އުފަލުން ހުރެ

    10
  2. ކާސިމް

    ވަގުތު މީހުން ޖަހާފައިވާ ޚަބަރަކީ ސައްހަ ހަބަރެއް. ހަޖަމް ނުވަންޏާ ގަދަދައްކަން ނޫޅޭނި.