ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ 18 އަހަރުގެ ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "ވަގުތަށް" ވިދާޅުވީ އެ ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު މާލެ ގެންގޮސްފައިވާ ކަމަށެވެ.

މާލެއަށް ފޮނުވިއިރުވެސް އެ ޒުވާނާގެ ހާލު ވަރަށް ސީރިއަށް ކަމަށާއި އޮތީ ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވިއެވެ.

އެ ޒުވާނާ އަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓުގައި ޖެހިގެން އުނގޫފާރު ހޮސްޕިޓަަލަށް ފަރުވާއަށް ގެންދިޔައީ އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނިފައި އަނބުރައިގަނެގެން ވެއްޓުނު 12 އަހަރުގެ އަންހެން ކުއްޖަކަށް ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. އެ ދެ ކުޑަކުދިން މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.

މި ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި އަށް އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކުއްޖާ ކަރަންޓުގައި ޖެހުނީއެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާ ވެސް ކަރަންޓުގައި ޖެހިގެން ފެންގަނޑަށް ވެއްޓުނު ކަމަށްވެއެވެ.