މާލޭގެ ސޯސަން މަގުގައި ހުންނަ ސޯސަންގެ ޕާކިން ލޮޓް ތެރެއަށް ގަހެއް ވެއްޓި ސައިކަލުތަކަކަށް މިރޭ ގެއްލުންވެއްޖެއެވެ.

މާލެ އަށް ވަރަށް ގަދަ އަށް ވައި ޖެހިގެން މި ހާދިސާ ހިނގާފައިވަނީ މިރޭ 8:00 ހާއިރެވެ. އެ ޕާކިން ލޮޓް ތެރޭގައި ހުރި ގަހެއް ވެއްޓި އެ ތަނުގެ ތެރޭގައި ހުރި ސައިކަލްތަކަކަށް ގެއްލުންވި އިރު، ބައެއް ސައިކަލްތައް ވަނީ ގަސް ދަށުގައި ތާށިވެފައެވެ.

ސޯސަންގެ ލާކިން ލޮޓަށް ގަސް ވެށްޓިފައި -- ވަގުތު ފޮޓޯ: އަހުމަދު ޖައިޝަމް

ވެއްޓިފައިވާ ގަސް އެތަނުން ނެގުމުގެ މަސައްކަތް މާލެ ސިޓީގެ މުވައްޒަފުން މިހާރު ދަނީ ކުރަމުންނެވެ.

މާލެ ހިމެނޭ ހެން ކ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިރޭ ވަނީ ރީނދޫ ސަމާލު ވެސް ވަނީ ނެރެފައިވެއެވެ. އެ ސަމާލު ނެރުނީ ރޭގަނޑު 9:30 އާ ހަމައަށެވެ. ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެެހި ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ވަނީ މިރޭ ދަންވަރު 00:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ސޯސަންގެ ލާކިން ލޮޓަށް ގަސް ވެށްޓިފައި -- ވަގުތު ފޮޓޯ: އަހުމަދު ޖައިޝަމް

ރާއްޖެއަށް މި ދުވަސްކޮޅު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރައިގައި ފާއިދުވެދިޔަ ދެތިން ދުވަހަކު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު އިންޒާރު ނެރެފައެވެ. އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިންޒާރުވެސް ނެރެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބޮޑު ޗުއްޓީއަށް މާލެއަށް އައިސްތިބި ގިނަ ބަޔަކު ވަނީ ރަށަށް ނުދެވި މާލޭގައި މަޑުކުރަން ޖެހިފައެވެ. މެޓް އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު މޫސުން އެއްކޮށް ރަނގަޅު ނުވި ނަމަވެސް ދަތުރުކުރެވޭވަރު ވާނެއެވެ.