އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، ރޭޕްކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ ފިލަން އެހީތެރިވި މީހަކު ވެސް ހައްޔަރުކޮށްފިއެވެ.

އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައެއްގައި ހައްޔަރު ކުރީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކުރީ ފުލުހުންގެ ވެބްސައިޓުގައި ހޯދަން އިއުލާން ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ފުލުހުން ވިދާޅުވީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ މީހާ ފިލަން އެހީތެރިވި ކަމުގެ ތުހުމަތުގައި 29 އަހަރުގެ މީހަކު ވެސް ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް 12 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.