ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއެންޓިގާ ބާބުޑާއަށް ވަޑައިގެންފިއެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 އިން 30 އަށެވެ. މި ސަމިޓްގެ ޕްލީނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވަފްދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސް މުއިއްޒަކީ އދއިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯ ޗެއަރއެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ހަތަރު ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޮރ އެކްޝަން އެޑޮޕްޓުކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ސިޑްސް ކޮންފަރެންސްގައި ގައުމުތަކަށް މާލީ އެހީ ދިނުމުގައި ބަލަން އާ މިންގަނޑެއް ހުށަހަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް އެގޮތަށް ވިދާޅުވީ "ދަ ގާޑިއަން" ނޫހަށް ލިޔުއްވި ކޮލަމެއްގައެވެ. ތަފާތު ގައުމުތައް ހިމެނޭ ވޯލްޑް ބޭންކް ފަދަ އިދާރާތަކާއި މުސްތަގިއްލު ގައުމުތަކުން ވެސް އާ މިންގަނޑު ބޭނުންކުރުމަށް އެއްބާރުލުން ދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން ލިބޭ ގެއްލުމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވަނީ ރާއްޖެ ފަދަ، ސިޑްސް ގައުމުތައް ކަމަށެވެ. އެގޮތުން ދުނިޔެ ހޫނުވުމަށް މަގުފަހިކުރާ ގޭސް ރާއްޖެއިން ޖައްވަށް ދޫކުރާ ނިސްބަތް އަރަނީ 0.003 އިންސައްތައަށް ނަމަވެސް، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ނެތިދާނެ ކަމަށް ބެލެވޭ އެއް ގައުމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު