މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ އަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފިއެވެ.

މިދިޔަ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނާއި ޓީޗަރުން ޗުއްޓީ އަށް ދިޔައީ އޭޕްރީލް މަހުގެ 30 ގައެވެ.

ދަރިވަރުންތަކެއް މިއަދު ސްކޫލަށް ދަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ދިރާސީ އާ އަހަރެއް އަނެއްކާ ވެސް ފެށިއިރު، ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު އޭގެ ތެރެއިން 17،000 ދަރުވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާއިރު އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަނީ މާލޭ ސަރަހައްދުގައެވެ. ކިޔެވުން ފެށި އިރު، އަތޮޅު ތެރޭގެ ސްކޫލްތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 1،126 ދަރިވަރުން ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ދަރިވަރުންތަކެއް މިއަދު ސްކޫލަށް ދަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު، ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން އަނެއްކާ ވެސް ބޮޑު ޗުއްޓީއަށް ދާނީ އަންނަ އަހަރުގެ މާޗް 6 ގައެވެ.

ސްކޫލްތަކުގައި ކިޔެވުން ފެށުމާ ގުޅިގެން ގިނަ ދަރިވަރުންތަކެއް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. ބައެއް ދަރިވަރުން ކިޔައި ދިން ގޮތުގައި ޗުއްޓީގެ ބޮޑު ވިއްސާރައިގެ ތެރޭގައި ދިއުމުން އެންމެ އެކަށީގެންވާ ވަރަށް ޗުއްޓީ ހޭދަކުރެވިފައެއް ނުވެއެވެ. އެކަމަކު، މޫސުން ރަނގަޅު މަދު ދުވަސްތަކުގެ ބޭނުން ހިފުނު ކަމަށް އެ ކުދިން ކިޔައި ދިނެވެ. އެ ކުދިން ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުމާ މެދުގައި ވަރަށް ބޮޑު އުންމީދެއް ކުރެވޭ ކަމަށެވެ.

ދަރިވަރުންތަކެއް މިއަދު އެސެމްބްލީގައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ވަރަށް އުފާވޭ ދިގު ޗުއްޓީއަކަށް ފަހު ސްކޫލްތަކުގެ ކިޔެވުން ފެށުމާއި ރައްޓެހިންނާ ބައްދަލުވާތީ. ވަރަށް ބޮޑު އަޒުމެއްގައި މި ހުރީ މިފަހަރު. ރަނގަޅު ނަތީޖާތަކެއް ހާސިލް ކުރަން." ހުޅުމާލެ ރެހެންދި ސްކޫލްގެ ގްރޭޑް 7 ގައި ތައުލީމް ހާސިލް ކުރާ އަންހެން ދަރިވަރަކު ކިޔައި ދިނެވެ.

މި އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް 2،250 ދަރިވަރުން އެންރޯލްކޮށްފައިވާ އިރު، މާލޭ ސަރަހައްދުގެ ގްރޭޑް އެކެއް ފިޔަވައި އެހެން ގްރޭޑްތަކަށް ވަންނަން ހުށަހެޅީ 2،081 ކުދިންނެވެ. މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ބަދަލުވި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މި ދިރާސީ އާ އަހަރުގެ ސަރުކާރުގެ 162 ސްކޫލެއްގައި އެއްދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. އަދި މި އަހަރުވެސް ހަ ސްކޫލެއްގައި ސްޓެލައިޓް މަފްހޫމަށް ކިޔަވައިދޭނެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށަން ސަރުކާރުން ނިންމާފައިވާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެކުދިންގެ ފޮޓޯ ނޫހުގަ ޖަހަން ހުއްދަ ލިބިގެންތޯ ތިޔަ ޖަހަނީ....؟؟؟

  2. މުެޭެޏ

    ހަމައެކަނިމާލެ އަޕުޑޭޓު؟؟؟؟؟؟؟

  3. 12345

    ސްޓެލައިޓް މަފްހޫމަކީ ކޯއްޗެއް؟

  4. ޖާނު

    އެކުދިން ސުކޫލައް ދަނީ ގުދަނެތް ފަދަ ހޫނު ތާކަށް އުފަލުން ދާނެ ގޮތެއް ބުނެދީބަލަ