ކޮންމެ ދަރިވަރަކީ ވެސް މުޖުތަމައު އަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިލްތިމާސް ކުރައްވައިފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ދިމާކޮށް ނައިބު ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ އަޒުމަކާއެކު އިތުރު ކުރިއެރުން ހާސިލް ކުރުމަށް ހިތްވަރު ދެއްވާ ކަމަށާއި ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތާ ގުޅިފައިވާ މުހިންމު ދެ މާހައުލު ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައިވެސް މިއަދު ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފައެވެ.

ނަމަވެސް މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވުމުން ފުރަތަމަ ތިން ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން ތިން ގަޑިއިރުއެވެ.

ދިރާސީ އާ އަހަރެއް އަނެއްކާ ވެސް ފެށިއިރު، ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު އޭގެ ތެރެއިން 17،000 ދަރުވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު