ޖަމިއްޔާތަކުގެ މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ މަދަނީ ޖަމިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި އުނދަގޫތައް ދެނެގަނެ، އެކަން ހައްލު ކުރުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ޖަމިއްޔާތަކުގެ މަހާސިންތާ ފެށުމަށް ގއ. ވިލިނގިލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އަސްވާޑު ވިދާޅުވީ މިއީ ވަރަށް މުހިންމު ފެށުމެއް ކަމަށެވެ. އަދި މިފަދަ މަހާސިންތާއެއްގައި ހަގީގީ ނަތީޖާ ނެރެވޭނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ހިއްސާ އޮވެގެން ކަމަށް ވިދާޅުވިއެވެ.

ޖަމިއްޔާތައް ބާރުވެރި ކުރުމަށް ބޭނުންވާ އިންސާނީ ވަސީލައްތައް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށާއި މަސައްކަތް އުތުރާއި މެދުރާއްޖެ ތެރޭގައި ވެސް އަދި ވަކި ރަށްރަށުގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ޖަމިއްޔާތަކުގެ މަހާސިންތާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދެވޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް މި މަހާސިންތާގައި ވަނީ ރާވާފައެވެ.

މި މަހާސިންތާގެ މަގުސަތުތަކުގެ ތެރޭގައި ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމިއްޔާތަތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ޖަމިއްޔާތަތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގެ އިތުރުން އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމިއްޔާތަކުގެ ދައުރު އިތުރު ކުރުން އަދި މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރު ކުރުން ހިމެނެއެވެ.

ފަސް ދޮޅަހަށް ވުރެ ގިނަ ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާ އޮންނާނީ 27 މެއިގެ ނިޔަލަށް ގއ. ވިލިނގިލީ ތައުލީމީ މަރުކަޒުގެ ހޯލު ގައެވެ.

މި މަހާސިންތާގައި ޖުމުލަ 6 ފަރާތަކުން ތަފާތު އެކިއެކި މައުލޫއުތަކަށް ސެޝަންތައް ނަގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު