ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިވެއްސެއްގެ ލަގެޖުން ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރުގެ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ފިރިހެނެކެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން ލަގެޖެއް ބޭރުކުރުމުގައި ގަވައިދާ ހިލާފަށް އެ ލަގެޖް ޑޮމެސްޓިކް ޓާމިނަލަށް ގެންދިޔަ ކަމަށެވެ. އެ މައްސަލައިގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ފަސް ކިލޯގެ މަސްތުވާތަކެތި ވަނީ އެ ލަގެޖުން ފެނިފައެވެ.

އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އޭނާ ބުނެފައިވަނީ އެ ލަގެޖަކީ މީހަކު ބުނެގެން ގެންދިޔަ ލަގެޖެއް ކަމަށާއި އޭގައި މަސްތުވާތަކެތި ހުރި ކަމެއް ނޭނގޭ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާއި މުއާމަލާތްކޮށްފައި ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އޭނާގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު، އޭނާ އަމަލުކޮށްފައިވަނީ އެއާޕޯޓުގައި ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާއި ހިލާފަށް ކަމަށް ވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

މިމައްސަލައިގައި ފުލުހުން ވަނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައެވެ. އެގޮތުން ހެކިންގެ ބަޔާންތަކާއި، ސީސީޓީވީ ފުޓޭޖް ސްނެޕްޝޮޓްތަކާއި ތަހުލީލު ރިޕޯޓުތަކާއި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓާއި އިތުރު ހެކި ޤަރީނާ ފުލުހުން ވަނީ ހުށަހަޅާފައެވެ.