އިސްލާމްދީން ދެކެ ލޯބިވާ ޤައުމާއި މެދު ފަހުރުވެރިވާ ދަރިވަރުންތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ މުހިންމުކަން ބޮޑުވެފައިވާ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ސްކޫލްތައް ހުޅުވުމާއި ގުޅިގެން މިއަދު ދެއްވި ހިތާބުގައި ވަޒީރު ވިދާޅުވީ ދަރިވަރުން އެންމެ ބޮޑު އިސްކަމެއް ދޭންވީ އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، މުދައްރިސުންނަށް ގަދަރާއި އިހުތިރާމުކުރާ އަދި ހިތްމަތާއެކު އުނގެނުމަށް މަސައްކަތްކުރާ ޒިންމާދާރު ދަރިވަރަކަށް ވުމަށް ކަމަށެވެ.

"2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ ބައްދަލުކުރާއިރު ރަސްމީ ތައުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި އިސްތިރާޖީ ހެޔޮ ބަދަލުތައް ގެނެވި އޭގެތެރެއިން ބައެއް ކަންތައްތައް ތަންފީޒު ކުރަން ފަށާފައިވޭ. އަދި ކުރަމުންދަނީ. އިސްލާމްދީން ދެކެ ލޯބިވާ ޤައުމާއި މެދު ފަހުރުވެރިވާ ދަރިވަރުންތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ މުހިންމުކަން އިހުނަށްވުރެ މިހާރު ވަނީ ބޮޑުވެފައި،". ވަޒީރު ވިދާޅުވިއެވެ.

ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގެ ތަފާތު ރޮނގުތަކުން، - އިލްމީ، ކުޅިވަރު ނުވަތަ މަސައްކަތްތެރިކަމުގެ ރޮގުން - ކުރިއަށް ދެވޭނެ މަގުތައް ތަނަވަސް ވެފައި ވުމަކީ ގައުމުގެ ތަރައްގީއަށް ބޭނުންތެރި ކަމެއް ކަމަށާއި އެ މަގަށް ކަންތައްތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޭލެވެލް މަރުހަލާގައި ދަރިވަރުން ބައިވެރިވުން އިތުރުކޮށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތަމްރީނު ލިބޭނެ ޕްރޮގްރާމުތަކެއް ކައިރި މުސްތަގުބަލެއްގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގައި ތަފާތު ރޮނގުތަކުން އެއީ އިލްމީ ރޮނގުން، ކުޅިވަރުގެ ރޮނގުން ނުވަތަ އިލްމީ ރޮނގުން ކަމުގައިވިޔަސް ކުރިއަށްދެވޭނެ މަގު ތަނަވަސްވެފައިވުމަކީ އެ ދަރިވަރުގެ މުސްތަޤްބަލަށާއި ޤައުމުގެ ތަރައްޤީ ނުހަނު ބޭނުންތެރިކަމެއް. އެ މަގަށް ކަންތައްތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޭލެވެލް މަރުހަލާގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް، ދަރިވަރުންނަށް ފަންނީ އެކި ތަފާތު ޕްރޮގްރާމުތައް ފެށުމުގެ މަސައްކަތް މިދަނީ ކުރަމުން،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކަން ކާމިޔާބުކުރަން އެންމެ މުހިއްމު ކަމަކީ ސްކޫލުތަކާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަވެ ހަރުދަނާވުން ކަމަށާއި މި ފެށޭ ދިރާސީ އަހަރަކީ އެ ގުޅުން އިތުރަށް ތަރައްގީވެ ދަރިވަރުންގެ ކުރިއެރުމަށް އެންމެންގެ ވިސްނުމާއި ފިކުރު ސީދާވެގެން ދާނެ އަހަރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެކަކު އަނެކަކަށް އިހުތިރާމުކުރުމާއެކު ތިމާ އާއި ތިމާ ވަށައިގެންވާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ދަރިވަރަކަށް ވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަނަނަ

    އިންސާނީ ކަރާމާތަށް ލޯބިކުރާ ދަރިވަރުންތަކެއް ތައުލީމީ ދާއިރާއަށް ގެނައުން ކިހިނެތްވާނެބާ؟