ރާއްޖޭން ބޭރުން ދޫނި އެތެރެ ކުރުމަށްޓަކައި ޑޮލަރު ބޭނުންވާތީ މީހަކާއި ހަވާލުކުރި ގިނަ އަދަދެއްގެ ފައިސާ ނުލިބުމުން އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ ހުކުމް ކޮށްފައިވާއިރު، އެ ކޯޓުން ބުނެފައިވަނީ ޑޮލަރު ގަންނަން އެމީހާ އެހެން މީހެއްގެ އަތަށް އެކި ފަހަރުމަތިން ހަވާލުކޮށްފައިވާ ޖުމްލަ 115،500 ރުފިޔާއަށް އަހަރެއް ވެގެން ދިޔައިރު ވެސް ޑޮލަރު ދީފައި ނުވާ ކަމަށެވެ.

މިމައްސަލަ ކޯޓަށް ހުށަހެޅުމުން ދައުވާ ލިބޭ ފަރާތަށް ކޯޓުން އެކަމާއި ގުޅުން ހުރި ލިޔުންތައް ފޮނުވުމުން، ދައުވާއަށް އެއްބަސްވެ، ބައި ބަޔަށް މަހެއްގެ މައްޗަށް 5،000 ރުފިޔާގެ މަގުން ފައިސާ ދެއްކުމުގެ ފުރުސަތަކަށް ވަނީ އެދިފައެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ ބުނެފައިވަނީ އެފަދަ ގޮތަކަށް ދައުވާ ލިބޭ ފަރާތުން ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދޭ ހާލަތުގައި އެކަމަށް އެދި ހުށަހެޅުން ދައުވާ ކުރާ ފަރާތުން ގަބޫލު ނުކުރާނަމަ، އެކަން އެ ކޯޓުން އަންގަންވާނެ ކަމަށާއި ދައުވާ ކުރާ ފަރާތުން އެކަން ގަބޫލު ނުކުރާނަމަ، ދައުވާ ލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވި އަދަދު، ކޯޓުން ކަނޑައަޅާ ތާރީހެއްގެ ކުރިން އަދި ކޯޓުން ކަނޑައަޅާ ރޭޓެއްގައި ދެއްކުމަށް ހުކުމް ކުރަންވާނެ ކަމަށެވެ.

މިމައްސަލައިގައި ދައުވާ ކުރާ ފަރާތުން އެކަމަށް އެއްބަސްވެފައި ނުވާތީ މައްސަލަ ބެއްލެވި ގާޟީ، ރިޒްމީނާ އިދްރީސް ހުކުމް ކޮށްފައިވަނީ ދައުވާ ކުރާ ފަރާތުން ދައުވާ ލިބޭ ފަރާތަށް ދީފައިވާ 115،500 ރުފިޔާ 7 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިޔަލަ

    7 ދުވަސް