މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިއާރަކީ "ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވަފިއެވެ.

ދިވެހި ބަހާއި ތާރީހާ ބެހޭ ވުޒާރާއިން ބުނީ އެކަން ރައީސް އިއުލާނު ކުރައްވާފައިވާކަން ހަމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޒިންމާތަކުގެ ތެރެއިން ކުރިއަށް ގެންދާ ދިވެހި ގައުމިއްޔަތުގެ ހާއްސަ މަޝްރޫއުގެ މުހިންމު އެއް ބަޔަކީ "އަމިއްލަވަންތަކަމެވެ". މިއަހަރުގެ މިނިވަން ދުވަހުގެ ޝިޢާރު ގުޅިފައި ވަނީ ގައުމިއްޔަތުގެ އެ މުހިންމު ސިފައާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެހެން އަހަރުތަކާ ހިލާފަށް ސަރުކާރުން ވަނީ މިއަހަރު އެއް ހަފްތާގެ މުއްދަތަށް މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. އެގޮތުން މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވުމާއި, ދިދަ ނެގުމުގެ ރަސްމިއްޔާތާއި, ރައީސް ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމުގެ އިތުރުން, ހެވިކަމާއި ކުޅިވަރު, ފުޅަނދުބުރު, ކާނިވާ, މިނިވަން ދުވަހުގެ ހާއްސަ ދުވުން, ސާގާފީ ޝޯ އާއި ކާބޯތަކެތީގެ މައުރަޒު, ކުޑަކުދީންގެ ހަވީރު, ފިޔަވަތީގައި ތިބޭ ކުދީންނަށް ހާއްސަ ހަވީރު, އިސްރަށްވެހީންގެ ބައްދަލުވުން އަދި ސްޓޭޖް ޝޯތައް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޅުޝިޢާރު

    ވަރަށް ރަނގަޅު ފުރިހަމަ ޝިޢާރެއް. އެކަމަކު މިނިވަންކަން އެބައޮތްތޯ؟ ކޮންމެ ސަރުކާރަކުންވެސް ހުވާކުރުމާއެކު ނުކުންނަނީ ނާށިގަނޑު ހިފައިގެން ގައުމުތަކަށް ސަލާންޖަހަން. ބޮޑެތި ލޯނުތައް ނަގައި ބިލިޔަނަކަށްވުރެ މަތިން ދަރަނި އެބައޮތް. އިންޑިއާއާއި ޗައިނާ ފަދަ ގައުމުތަކުގެ މުށުތެރޭގައި މިތިބެނީ ފިތާލާނީ ކޮން އިރަކުންތޯ ހީވެހީވެ. މޮޅު ޝިޢާރުން ފައިދާއެއް ކުރާނެތޯ.

  2. ެބެލުންތެރިޔާ.

    ރާއްޖޭގައި ކުރިންވެސް ޢަމަލުކުރައްވާފައިވާގޮތެއް އެފަދަ ޝިޢާރު ބޯޑް ހަދާ ހަރުކުރުން.