ސްޓީޑެންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1700 އަށްވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ، ސްޓޫޑެންޓް ލޯނަށް އެދުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 1700 އަށްވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ ކަމަށެވެ. އެ ކުދިންގެ ތެރެއިން ލޯނަށް ޝަރުތު ހަމަވާ ކުދިން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"ސްޓޫޑެންޓް ލޯނަށް 1700 އެއްހާ ކުދިން ކުރިމަތިލާފައިވަނީ އެ ކުދިންގެ ޝަރުތުތައް ހަމަވޭތޯ މި ބަލަނީ. ޖޫން މަހުގެ ފުރަތަމަ ހަފްތާ ތެރޭ ހިސާބުގައި އިއުލާނު ކުރެވިގެންދާނެ ހޮވުނު ކުދިން." ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، މި ފަހަރު ލޯނަށް ހުށަހެޅި ކުދިންގެ ތެރޭގައި މިހާރު ކިޔަވަމުންްދާ ބައެއް ދަރިވަރުން ވެސް ހިމެނޭ ކަމަށެވެ. އަދި ލޯނަށް ހުށަހަޅާފައިވާ ކުދިންގެ ތެރެއިން އެއްވެސް ލިޔެކިއުމެއް މަދުވެފައިވާ ކުދިންނަށް އެ ލިޔުންތައް ހަމަކުރުމަށް ވެސް މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ސަރުކާރު އަމާޒަކީ އެއްވެސް ކުއްޖެއް ބާކީ ނުކުރުން ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

ހިލޭ ޑިގްރީ ދަށުން ކިޔަވާ ދަރިވަނުންނަށް އަދި ސްޓޫޑެންޓް ލޯންތަކަށް މި އަހަރުގެ ބެޖެޓުގައި 700 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ބަޖެޓުގައި ވާގޮތުން ދަރިވަރުންނަށް ލޯނު ދޫކުރަން 550 މިލިއަން ރުފިޔާ އާއި ހިލޭ ޑިގްރީ ޕްރޮގްރާމަށް 156 މިލިއަން ރުފިޔާގެ އިތުރުން ސްކޮލަޝިޕްތަކަށް 184 މިލިއަން ރުފިޔާ އަދި ފޮތް ލިސްޓާއި ސްކޫލު ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ.