ދުނިޔޭގެ އެއާލައިންތަކާއި އެއާޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސް ކަމަށްވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުވުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި އެ ކޮންގްރެސްގެ ބައިވެރިންނަށް މެދު ކެނޑުމެއްނެތި އަވަސް ސްޕީޑެއްގައި ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވަނީ ދިރާގުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ކޮންގްރެސްގެ ބައިވެރިންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ހޯސްޓުކުރަނީ އެމްއޭސީއެލުނެވެ. އެއާ ސާވިސް ވޯލްޑް ކޮންގްރެސްގައި ގިނަ އަދަދެއްގެ އެއާލައިންތަކާއި އެއާޕޯޓައް ބައިވެރިވާނެއެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެކި ފަރާތްތައް ވެސް އެ ކޮންގްރެސްގައި ބައިވެރިވާނެއެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު އެ ކޮންގްރެސްގެ ތެރެއިން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އަދި އާ އެއާލައިންތަކުން ދަތުރުތައް ފެށުމަށް ވެސް މަޝްވަރާތައް ކުރެވޭނެއެވެ.