މަސްފެކްޓަރީ ތަކަށާއި މަސްވެރި އުޅަނދުތަކަށް ކުރާ ކަރަންޓް ހަރަދުގެ 35 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މަސްވެރިކަން ކުރުމުގައި ވީހާވެސް ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ބަލަން ޖެހޭ ކަމަށެވެ. އެކަން އެގޮތަށް ކުރެވުމުން މަސްވެރި މާކެޓުގައި ފައިދާވާނެ ކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

އިޔާދަ ކުރަނިވި ހަކަތައާއި ދިމާލަށް ވަރަށް ބާރަށް ދާން ޖެހޭ ކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިކަން ކުރުމުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދުތަކާއި މަސް ޕްރޮސެސް ކުރާ ކާރުހާނަތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރަން ޖެހޭ ގޮތަކަށް މުޅި ސިޔާސަތު ބަދަލު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް--ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

އެގޮތުން މިހާރު އެކަންކަމަށް ހިނގާ ހަރަދުގެ 35 އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ އަމާޒެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ ދިވެހި ރާއްޖޭގައި މަސްވެރިކަން ކުރާ އުޅަނދު ފަހަރާއި އަދި މަސް ޕްރޮސެސް ކުރާ ކާރުހާނަތަކުގެ މިހާރު މިހިނގާ ހަރަދުގެ 35 އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިކަމަށް ބޭނުންވާ ބައެއް އިންވެސްޓްމެންޓް، ވޯލްޑް ބޭންކުގެ ޕްރޮޖެކްޓުގެ ތެރެއިން ސެކުއާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން ވެސް މަސްވެރިކަން ކުރަމުންދާ އުޅަނދުތަކުގެ ޑިޒައިނަށް ވެސް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މަހަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އައިސް ކެޕޭސިޓީ ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަނަނަ

    ކޮބާތަ މަސް ފެކްޓަރީ؟

  2. އަބްދޫ

    މަސްބާނާ ދުވަސްވަރު ބާނާ ހުރިހާމަހެއްގަނެ ފިނި ކުރެވޭ މިންވަރަށް ކޮށާރާއި ފިނި އަށި ތަރައްގީ ކުރުމާއިމެދު ވިސްނަވާ.

  3. ރާްއްޖޭ ބޮޑުމީހާ

    ކޮބާތޯ ތި ބުނުއްވާ މަސް ފެކްޓްރީތަކަކީ