ޗައިނާގައި ބާއްވާ އައިޓީބީ ފެއާގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އެމްއެންޕީއާރްސީއިން ބުނީ އެ ފެއާގައި ބައިވެރިވަނީ ރާއްޖޭގެ ސަނީ ސައިޑް ލައިފް އިޝްތިހާރުކުރުމަށް ކަމަށެވެ. މިއީ ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާ އަދި ވިޔަފާރީގައި މަޝްހޫރު އިވެންޓެއް ކަމަށް ވެސް އެމްއެމްޕީއާރްސީއިން ބުނެފައިވެއެވެ.

މި އިވެންޓްގައި ވިޒިޓް މޯލްޑިވްސްއާއި ގުޅިގެން އިތުރު 100 ޕާޓްނަރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމާއި ބެހޭ 45 ތަނެއް ޕްރޮމޯޓްކޮށްދޭނެ ކަމަށެވެ. އެއީ އައިޓީބީ ޗައިނާއަށް ފަތުރުވެރިކަމުގެ ސިނާއަތުން ދޭ ބޮޑު އެއްބާރުލުމެއްގެ މައްޗަށް އަލިއަޅުވާލާފައި ކަމަށެވެ.

އެ ފެއާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހަށް ޗައިނާގެ ޝަންހާއީ ވޯލްޑް އެކްސްޕޯ އެންޑް އެގްޒިބިޝަން ސެންޓަރުގައި ކަމަށް ވެސް އެމްއެމްޕީއާރްސިއިން ބުނެއެވެ.

އައިޓީބީ ޗައިނާގެ އޮފިޝަލް ޕާރޓްނަރެއް ގޮތުގައި ވިޒިޓް މޯލްޑިވްސްއަށް އެ އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ރީތިކަން ދައްކުވައިދޭނެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ރާއްޖޭގެ ސަގާފަތާއި ކެއުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

އަދި މީޑިއާގައި ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ އިޝްތިހާރުތަކާއި ޕްރެސް ރިލީޒް ވެސް އާންމުކޮށް އެއިވެންޓާއި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް އިޝްތިހާރުކުރެވިގެން ދާނެ ކަމަށެވެ.

އެ އެކްސްޕޯ ގައި ރާއްޖެ ބައިވެރިވުމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމަށް ޗައިނާގެ މާކެޓް މުހިއްމުކަން ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. އަދި ހަމައެހެންމެ ރާއްޖެއާއި ޗައިނާގެ ފަތުރުވެރިކަމާއި ބެހޭ ޕާރޓްނަރުންނާއި ދެމެދު ގުޅުން ބަދަހިވެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެވިގެން ދާނެ ކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މި އެކްސްޕޯގައި ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދީ ޗައިނާގެ ޓްރެވަލް ނެޓްވޯކާއި ގުޅުން ބަދަހިކޮށް ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ހޯދައިދިނުން ކަމަށް އެމްއެމްޕީއާރްސީިއިން ބުނެއެވެ.