މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ، އެންމެ ފަހުން ސަރުކާރުން މަސްވެރިންނަށް ފައިސާ ދީފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އެގޮތުން 22 މިލިއަން ރުފިޔާ އެޕޭމެންޓަށް ދޫކޮށްފައިވާ ކަމަށާއި ފައިސާ ނުދެވި ހުރީ 23 އޭޕްރިލްއިން ފަށައިގެން ކަމަށާއި އެއީ 62 މިލިއަން ރުފިޔާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެފައިސާ ވީހާވެސް އަވަހަކަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިސަރުކާރު އައިފަހުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް--ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

"އުންމީދު ކުރަނީ ވީހާވެސް އަވަހަށް މި ފައިސާ މަސްވެރިންނަަށް ދައްކައި ހަލާސް ކުރެވޭނެ ކަމަށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މަސް ނިމެން ކައިރިވެފައިވާތީ މިފްކޯއަށް ވެސް މާލީ ގޮތުން އުނދަގޫތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް އެކުންފުނިންނާއި ސަރުކާރުން ވެސް މަސައްކަތް ކުރަމުން އަންނަނީ ދައްކަން ޖެހޭ ބިލުތައް ދެއްކުމަށް ކަމަށެވެ. އަދި އެކަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެކީ ފިނޭންސް މިނިސްޓަރު ވެސް މަސައްކަތް ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްޢާފް ސަލީމް

    އަޅުގަނޑު މަނިކުފާނަށް ދަންނަވާލަންއޮތީ ، ލަސްވެގެން ހަފްތާއިން ހަފްތާއަށް ( މިހަފްތާ ކިރުވިމަހަށް އަންނަ ހަފްތާ ފެެެށެންވާއިރަށް ) މަސްވެރިންނަށް ރުފިޔާ ދެއްވާށޭ! ވަޒީފާގައިއުޅޭ ފަރާތްތަކަށް އެއްދުވަސް މުސާރަ ލަސްވިޔަސް އެމީހުންނަށް ދަތިވާވަރަށް މަސްވެރިންނަށްވެސް ދަތިވާނެޔޭ! ޕްލީޒޭ ޕްލީޒޭ ޕްލީޒޭ! ސަލާން

    2
    1