އެއަރޕޯޓްތައް ތަރައްޤީ ކުރުމަށް ކުރަމުންދާ ބައެއް މަޝްރޫއުތައް ފުރިހަމަނުވެ ލަސްވަމުންދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އާރްއޭސީއެލް) އިން ބުނެފިއެވެ.

އާރްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެއަރޕޯޓްތައް ތަރައްޤީ ކުރުމަށްޓަކައި ކުރަމުންދާ ބައެއް މަޝްރޫއުތައް ފުރިހަމަނުވެ ލަސްވަމުން ދިއުމުގައި ކުންފުންޏަށް ސީދާ ބާރު ނުފޯރުވޭ ބައެއް ކަންކަން ދިމާވަމުން ދާތީ، އާރްއޭސީއެލް އިން ބޭނުންވާ ސްޕީޑުގައި ކަންކަން ނުވެ ލަސްވަމުންދާ ކަމަށެވެ.

އާރްއޭސީއެލްއަށް އެއަރޕޯޓްތައް ހިންގުމަށްޓަކައި ހަވާލު ކުރެވިފައިވާ ބިންތަކަކީ އެކި އެކި ރަށްތަކަށް ނިސްބަތްވާ ބިންތަކުން ވަކިކުރެވިފައިވާ ސަރަހައްދުތައް ކަމަށް ވެސް ބަޔާނުގައިވަނީ ބުނެފައެވެ. ނަމަވެސް އެ ބިންތަކުގައި އެއަރޕޯޓުތައް ތަރައްޤީ ކުރުމަށް ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކަކީ އެކިއެކި ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ލިބިގެން ކުރެހުންތައް އެޕްރޫވް ކުރެވިގެން ނޫނީ ކުރިއަށް ގެންދެވޭނެ ކަންކަން ނޫން ކަމަށާއި އަދި އެކަންކަން ފުރިހަމަ ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ އެއްކަމަކީ ލޭންޑް ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަ ކުރުން ކަމަށް އާރްއޭސީއެލް އިން ބުންޏެވެ.

ނަމަވެސް މިއަދާހަމައަށްވެސް ލޭންޑް ރަޖިސްޓްރޭޝަންގެ ކަންކަން އާރްއޭސީއެލް އަށް ސީދާގޮތުން ބާރުނުފޯރުވޭ އެކި އެކި ސަބަބުތަކާހުރެ ފުރިހަމަވެފައި ނުވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މިހާރުވެސް އާރްއޭސީއެލް އިން ލޭންޑް ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމާ ގުޅުންހުރި އެކިއެކި ފަރާތްތަކާ އެއްކޮށް ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓް ފެންވަރުގެ ކޮމެޓީއެއް ޤާއިމުކޮށް ބައްދަލުވުންތަކުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އާރްއޭސީއެލް އިން ބުނީ އެ ކުންފުނި ވަކި ކުންފުންޏެއްގެ ގޮތުގައި ޤާއިމުކުރެވި ރާއްޖޭގެ ބައެއް ރީޖަނަލް އެއަރޕޯޓުތައް ކުންފުންޏާ ހަވާލުކުރެވުނު ދުވަހުން ފެށިގެން ވެސް އެއަރޕޯޓުތަކުގައި ޤާއިމުވެފައި ހުންނަންޖެހޭ ސްޓޭންޑަޑްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އާރްއޭސީއެލް އިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ އާރްއޭސީއެލްގެ މެނޭޖްމަންޓްއަށް ގެނެވުނު ބަދަލާއެކު ކުންފުނީގެ މެނޭޖިން ޑައިރެކްޓަރެއްގެ ގޮތުގައި އަހްމަދު މުބީން ހާވާލުވި ހިސާބުން ފެށިގެން ކުރިއަށްވުރެ ބާރު ސްޕީޑެއްގައި އެއަރޕޯޓްތައް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ގިނަގުނަ ކަންކަން ފާހަގަކޮށް އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

އެއަރޕޯޓްތަކުގައި ތަރައްޤީގެ ގޮތުގައި ކުރުމަށް ނިންމިފައި ހުރި އެއްވެސްކަމެއް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު

    ތިޔަ ބަހަނާތަށް ނުދައްކަވާ. ރައީސު ވައުދުވިގޮތަށް ކަންކޮށްނިއްމަވާދެއްވާ. މިފަސްއަހަރުވެސް ނަމަނޭގިތިއްބާ ނިމިގެން ހިގައިދާނެއިސާހިތަކު. ގެއްލިއްޖެވަގުތެއް އަނބުރާނުއެއްލިބޭނެ.

    މިސަރުކާރު އައިއިރު ބާރަށް ފަތުއަޑުކިޔާފަ މަސައްކަތްކުރަމުންދިޔަ ބައެއް އެއާރޕޯރޓްތަކުގެ މަސައްކަތްވެސް ވަނީ މުޅިންހުށްޓިފަ. ތިޔަތަނާ ޙަވާލުވެ ހުރިމީހާގެ ގާބިލުކަމެއްނެއްކަން ތިޔަސާބިތުވަނީ.
    ހުޅުމަލޭ ފޭސް 2 ގަ އަޅާ ބައެއް މިސްކިތްތަކުގެ ވެސް މަސައްކަތެއް ކުރިއަކަށްނުދޭ. މިހެންވެގެން ކަމަކުނުދަނެ. ރައްޔިތުންނަށް ފެންނަންވާނީ ކުރިއަރަމުން ނަލަވަމުންދާ މަންޒަރު.

  2. އަޒްރާ

    އހެންވީމަ ދޯ ކާޑެއްދޫ އެޙާލަތުގަ 30އަހަރު މިވީ

  3. ކަނޑުފަޅު

    ބުޅާގޯނިން ނެރެންޖެހުނީ ކީއްވެބާ؟ ތިމާގެ މައްސަލައެއްބާ؟ ނޫނީ އެހެން އިދާރާތަކުގެ މައްސަލައެއްބާ؟ ސާފެއް ނޫ ން ތި ޖަހަން އުޅޭ ރާގެއް. ސިޔާސީ ރާގަކާ ވައްތަރީ.
    ނޫނީ މަސްނުބޭޏުނީމަ ކަނޑު ނުބައިވީތަ؟ ވަރަށް ވެދުމޭ އިގޭތޯ.

  4. ސަބުނަމް އަލީ

    ކޮންހާ ބޭކާރު ވާހަކައެއް؟ ނަތީޖާނުނެރިވޭ އެންމެން ގެއަށް ފޮނުވާލާކަށް ރައީސް މުއިއްޒު ފަސްނުޖެހޭނެ. ރީތިގޮތަކީ އަމިއްލަޔަކަށް އިސްތަފާ ދިނުން.