އޭޕްރިލް މަހު ޒަކާތު ފަންޑުން 168 މީހަކަށް ސިއްހީ ކަންކަމުގައި އެހީތެރިވެފައިވާއިރު، އޭގެ ތެރެއިން ބޮޑު އެހީއެއް ކެންސަރުގެ ފަރުވާއަށް ހޭދަކޮށްފައިވާކަމަށް ރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސް އިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ބޭސް ފަރުވާއަށާއި، ޒަރޫރީގެ އެހީގެ ގޮތުގައި އާއި ސްކޮލާޝިޕްތަކަށް ހަރަދުކޮށްފައި ވެއެވެ.

އޭޕްރިލް މަހު ވެސް ޒަކާތު ހައުސްގެ މެދުވެރިިކޮށް އެންމެ ގިނަ އެހީ ދީފައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރާ ފަރާތްތަކަށެވެ. އެފަރާތްތަކަށް 373،175ރ ދޫކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައި ވަނީ ހަށިގަނޑުގެ ބައެއް ފިހިގެން ފަރުވާ ހޯދާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް 165،446.25ރ. ހޭދަކޮށްފަައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވާ ހިތުގެ އޮޕަރޭޝަންތަކަށް 106،012.50ރ ހޭދަކޮށްފައި ވެއެވެ. މީގެ އިތުރުން ނިއުމޯނިއާއަށް ފަރުވާ ކުރުމަށް 100،000ރ ދުކޮށްފައިވާއިރު، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށް 25،443ރ ދޫކޮށްފައި ވެއެވެ. އަދި އެހެނިހެން ބަލިތަކަށް 731،293.50ރ ދޫކޮށްފައި ވެއެވެ.

މިދިޔަ މަހު ޒަކާތު ހައުސްއިން އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ހަމަޖެއްސިއިރު، އޭގެ ކުރީ މަހުގެ އަދަދުތަކާއެކު މިދިޔަ މަހު 506،501ރ. ހަރަދުކޮށްފައި ވެއެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ފިތުރުޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިިޔާ ހޭދަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޯ

    އެތައް ބަޔަކު ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސޭނެ ގޮތެއްނެތި ސަލާންޖަހަމުން ހިނގަންޖެހިފައިވާ އިރު ރައްޔިތުން ވަރަށް އީމާންތެރިކަމާއި ހެޔޮ ނިޔަތުގައި ޒަކާތަށް ސަރުކާރާ ހަވާލުކުރާ ފައިސާއިން ހޭދަކުރަމުން މި ގެންދަނީ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ މަގުން، ކަނޑައަޅުއްވާފައިވާ ފަރާތްތަކަށްތޯ ދީނީ މިންގަނޑުތަކެއް ބޭނުންކޮށްގެން ޕާރފޯމަންސް އޯޑިޓެއް ކުރުން މުހިންމުކަމަށް މީހަކު ބުނެފިއްޔާ އެ ބަހާ ދެކޮޅުވާނެ މީހުން ލައްކަ ގިނަވާނެބާ؟

    1
    2