ފްރާންސްއިން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވިއިރު އުމުރަކީ 53 އަހަރެވެ.

ސަފީރު އަވަހާރަވީ ކުއްލި އަކަށް ބަލިވެ އުޅުއްވުމުގެ ސަބަބުން ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޭނާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ. އޭނާގެ ސަފީރުކަމުގެ ފަތްކޮޅު އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރް ވިދާޅުވީ، ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުއްލި ގޮތަކަށް އަވަހާރަވުމުން ހިތާމަ ކުރައްވާ ކަމަށެވެ.

"މި އަހަރު ކުރީކޮޅު އޭނާއާ ބައްދަލު ކުރެއްވިން، އޭނާއަކީ ރާއްޖެއާ ވަރަށް ގާތް ބޭފުޅެއް، ރާއްޖެ އާއި ފްރާންސްއާ ދެމެދު އޮތް ގުޅުން ބަދަހިކުރައްވަން އޭނާ ކުރެއްވި މަސައްކަތްތައް ހަނދާން ހުންނާނެ،". ވަޒީރު ވިދާޅުވެފައި ވެއެވެ.

ކެރިއާ ޑިޕްލޮމެޓެއް ކަމަށްވާ ޖޯން-ފްރަންސުއާ ޕަކްތެތް ކުރިން ހުންނެވީ ފްރާންސްގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑައިރެކްޓާ އޮފް ކަލްޗާ އެންޑް އެޑިއުކޭޝަންގެ މަގާމުގައެވެ.