ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން 2020 ވަނަ އަހަރު 10 އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް ކަމަށްވާތީ އެމީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ކަމަށް ޓްރައިބިއުނަލް އަދި ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފިއެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށްފަހު 10 މީހަކު ވަޒީފާއިން ވަކިކޮށްފައިވަނީ ފެންވަރު ބެލިއިރު ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެއެވެ. އެ މުވައްޒަފުންގެ ފަރާތުން މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ނިންމާފައި ވަނީ، އެ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާ ކަމަށެވެ. އަދި އެފަރާތްތަކަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމުގައި ނުބެލުމަށާއި އެ ފަރާތްތައް ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އެފަރާތްތައް އަލުން ވަޒީފާ ހަމަޖެހޭ ތާރީހާ ހަމައަށް، ވަޒީފާއިން ވަކިކުރި އިރު އަދާކުރި މަގާމުގެ މުސާރައާއި އިނާޔާތްތަކަށް ފައިސާ ނަގައިދިނުމަށް ޓްރައިބިއުނަލް އިން ނިންމާފައި ވެއެވެ.

އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ނިންމީ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ޖޭއެސްސީން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ފަރާތްތައް ވަޒީފާއިން ވަކިކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށާއި މުވައްޒަފުން ދޫކޮށްލުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މައްސަލާގައި އަމަލުކޮށްފައި ނެތް ކަމަށެވެ.

މި މައްސަލާގައި ވަޒީފާއިން ވަކި ކުރި ފަރާތްތަކަށް އަލުން އެ ވަޒީފާ އިޔާދަކޮށްދިނުމަށްވެސް އެދިފައިވެއެވެ.

ސުޕްރީމް ކޯޓުން ފާހަގަކުރައްވާފައިވަނީ 10 ފަރާތަށް ވެސް ވަޒީފާ އިޔާދަކޮށްދޭން ޖެހޭނެ ކަމަށެވެ. މިގޮތަށް ކަނޑައަޅުއްވާފައި ވަނީ، ވަކިކުރި ފަރާތްތަކުގެ ތެރެއިން އެއް ފަރާތެއްގެ ވަޒީފާ އިޔާދަ ކުރުމަށް ޑީޖޭއޭއިން ނިންމާފައިވުމުންނެވެ. އަދި އިސްތިއުނާފު ކުރި 10 ފަރާތުގެ ތެރެއިން އެއް ފަރާތުގެ ވަޒީފާ ރުޖޫއަކޮށް ދިނުމަށް ނިންމައި އެ ނޫން ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަކީ އެ ޑިޕާޓްމަންޓަށް އޮތް އިހްތިޔާރެއް ނޫން ކަމަށްވެސް ކޯޓުން ފާހަގަކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެރަ

    ދައުލަތަށްލިބޭ ބޮޑުގެއްލުމަށް ދައުލަތުން ބޮޑުކޮށްބަދަލުދިނުން ނިމުމަކަށްއަންނާނެދުވަހެއް ދެކެންބޭނުމެވެ. %100 މުސްލިމްޤައުމަކަށް ނިސްބާތްވާތީއާއި އެކުވެސްމެއެވެ.

  2. އަބްދޫ

    މި މީހުން ވަކި ކޮށްފަ އެހެންބަޔަކަށް ވަޒީފާ ދީފަ އޮތްނަމަ ވަޒީފާ އިން މަހުރޫމްކުރި ފަރާތްތަކަށް މެދުނުކެނޑި ވަޒީފާ ދީ މުސާރަދޭންޖެހޭނަމަ މި މުވައްޒަފުން ވަޒީފާއިން ވަކިކުރަން ގައިރުގާނޫނީ އަމަލުކުރި ފަރާތްތަކުގެ މައްޗަށް ސަރީއަތް ހިންގާ ދަވްލަތުން އެއްމަގާމަކާަށް ޑަބަލްމުސާރަ ދޭންޖެހި އެކަމަށްހަރަދުވާ ފައިސާ ދަވްލަތަށް އަބުރާ ހޯދަންޖެހޭނެ. ގާނޫނުނަންބަރު 1/68 ޖ ގެ 9 ވަނަމާއްދާގެ ދަށުން ޒިންމާކުރުވަންޖެހޭނެ. މިފަދަކަންކަން ތަކުރާރުވެ ދިޔަ ނުދިނުމަށްޓަކާ މިފިޔަވަޅު އެޅުމަކީ އަދުލު އިންސާފަށް ކަންކުރުމަށް ލިބޭނެ ބާރެއްކަމުގަ ދެކެން.