ޓިޗަރުންނަށް ބެލުމެއް ނެތި ގަޑުބަޑުކޮށްފައި އޮތް ތައުލީމީ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި ނިޒާމުގެ ތެރެއިން ޓީޗަރުންނަށް ތަސައްލީ ދޭން ޖެހޭ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަފީއު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމު އޮތީ އެއްވެސް ވަރަކަށް ޓީޗަރުންނަށް ބެލުމެއް ނެތި ގަޑުބަޑުކޮށްފައި ކަމަށާއި އެ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

"ޓީޗަރުންނަކީ ރެއާއި ދުވާލު އެ ބޭފުޅުންގެ އާއިލާ ގުރުބާންކޮށް، ވަގުތު ގުރުބާންކޮށް އަދި އެއްވެސް ވަރެއްގެ ސައިކޮލޮޖިކަލް ވެލްބީންގަކަށް ބެލުމެއް ނެތި މުޅި ނިޒާމް އެކުލަވާލެވިފައިވަނީ. މިފަދަ ގަޑުބަޑުކޮށްފައި އޮތް ނިޒާމެއް އަޅުގަނޑުމެން މިދަނީ ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރަމުން،" ޝަފީޢު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވި ގޮތުގައި މުދައްރިސުންގެ މުސާރަ ބޮޑުކުރި ނަމަވެސް އެ މުދައްރިސުންގެ ޤަދަރާއި އިޙުތިރާމް ވަނީ ވަރަށް ބޮޑަށް ދުއްވާލެވިފައެވެ. ލިބިފައި ހުރި ޝަކުވާ ތަކާއި ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު 20 އަށް ވުރެ ގިނަ ސްކޫލްތަކުގެ ޕްރިންސިޕަލުން، ހުންނަން ޖެހޭ ސްކޫލް ނޫން އެހެން ސްކޫލްތަކަށް ބަދަލު ކުރުމާއި 300 އެއްހާ މުދައްރިސުންނަށް އުސޫލުތަކުގެ ބޭރުން ފިޔަވަޅު އަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ ސަބަބުން ޓީޗަރުންގެ ތެރޭގައި ބިރުވެރިކަން އުފެދި ދާއިރާގެ އަގު ވެއްޓިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޓީޗަރުންނަކީ ގަދަރުވެރި ބަޔަކަށް ހަދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އިއްޔެ ދިރާސީ އައު އަހަރު ފެށިގެން ކުރިޔަށްދާއިރު ތައުލީމީ ދާއިރާއަށް އަލަށް ގުޅުނީ އެންމެ 48 ދިވެހި ޓީޗަރުން ކަމަށް ވަޒީރު ވަނީ ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ސްކޫލްތަކަށް ބަލާއިރު މަދު އަދަދެއް ކަމަށާއި މުދައްރިސުން ސްކޫލުގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުވުމަކީ ވެސް ދާއިރާއަށް ދިވެހީން ޝައުގުވެރިނުވާ ސަބަބެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކޮންފިޑެންސް އެބަދޭންޖެހޭ ޓީޗަރުންނަށް، ޓީޗަރުންނަށް ނިޒާމުގެ ތެރެއިން ތަސައްލީ ދޭން އެބަޖެހޭ. އޭރުން އެބޭފުޅުން މަސައްކަތް ކުރާނެ އެބޭފުޅުންގެ ސެކްޓާއަކީ އެއީ އަގުހުރި އަބުރުވެރި ޤަދަރުވެރި ސެކްޓާއެއްގެ ގޮތުގައި ދެއްކުމަށް." ޝަފީއު ވިދާޅުވިއެވެ.

ޝަފީއު އިތުރަށް ވިދާޅުވީ، ސޯޝަލް މީޑިއާގައި ޓީޗަރުން ފާޅުކުރަމުންދާ އުދާސްތައް ނޯޓުކުރަމުންދާ ކަމަށާއި އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޓީޗަރުންގެ ދުޅަހެޔޮ ސިއްޚަތަށް އަބަދުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާ ކަމަށާއި ޓީޗަރުންނަކީ އަބުރުވެރި ބައެއްގެ ގޮތުގައި ބައްޓަންވެގެން ދިޔުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަލީ

    އަބަދުވެސް ޓީޗަރުންގެ ވާހަކައެވެ. ސްކޫލްތަކުގެ އިދާރީ މުވައްޒަފުންނަކީ ނެތްބައެއްތޯއެވެ. މަހަކު އެންމެ 7000ރ އެވެ. ޓީޗަރަކަށް 20000ރ މިވަރުގެ ބޮޑުތަފާތެއް އޮތުމީ ހަމަ އިންސާފުތޯ. ބާޒާރު އަގުތައް 2 މީހުންނަށްވެސް ހަމަހަމައެވެ.

    • ސަލީމު

      ސުކޫލެއްގައި އުޅުނަސް ޓީޗަރުންނާއި އެޑްމިން މުއައްޒަފުންގެ މަސައްކަތް ވަރަށް ތަފާތެވެ. ލިޔެކިޔުމުގެ ތެރެއިން އެ ފަރާރްތައް ކުރައްވާ މަސައްކަތް އެހެން އޮފީސްތައް ފަދައެވެ. އެކަމަކު ޓީޗަރުންނަކީ ޖީލެއް ބިނާކުރުމަށްޓަކައި ވަރަށް ވަރުގަދަ ޖިހާދެއް ކުރާބައެކެވެ.

      2
      1
  2. ސައީދު

    ޓީޗަރުންގެ ކަންތައްތައް ރަގަނޅު ކުރުމަށް ތިޔަކުރައްވާ މަސައްކަތަށް ޝުކުރު ވެރިވަމެވެ.

  3. މޫސަ

    ދައުރު ނިމޭއިރުވެސް ކުރާނީ ނިޒާމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް. އެއްވެސް ހެޔޮބަދަލެއްގެ އަމަލީ ސިފައެއް ނުފެންނާނެ. މަނިކުފާނުގެ ވަޒީރުކަމުގައި މިވީ ދުވަސްކޮޅު ވެސް ފެންނަނީ ކުރިއާ އެއްވެސް ތަފާތެއް ނެތި. ޕްރިނސިޕަލުންނަށް ބޮޑު މުސާރަ ދީފައި އެމީހުން ލައްވާ ޓީޗަރުންނަށް ޕްރެޝަރު ކުރުމުގެ އުޞޫލު ދޫކޮށްލަންޖެހޭ

  4. ބުނެލީ

    ތިކަން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު، އަބަދުވެސް މިއިވެނީ ކޮށްދޭންބުނާ އަޑު، ތިގޮތަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް ތަސައްލީ ބޭނުންވޭ، އެވާހަކަ ދައްކާ ބަޔަކު ނެތޭ ބުންޏަސް ދޮގަކަށްނުވާނެ

  5. ޢއ

    މުސާރަ ބޮޑުކޮށްދިނީ ބިޒީކަމުން!! މިހާރު ދެން ތަސައްލީ ދޭންވީ؟ މުސާރަކުޑަކޮށްފަ ތަސައްލީ ދޭންވާނީ!! ޓީޗަރުން ވެސް ހިތެއް ނުފުރޭ!!!

  6. އަހައިބަލަ

    ތިބުނާާ ތަސައްލީީ ދެވޭނީީ ކިޔަވައިދޭންް ޖެހޭ ކުލާސްް މަދުކޮށްް ކުލާސްތަކުގައިި ކުދިންް ވެސްް މަދުކޮށްގެން

  7. އެމީހާ

    މިނިސްޓަރ އަށް ދަންނަވާލަން ބޭނުންވަނީ ޓީޗަރުން ތިހާލުގައި އުޅޭ އިރު އެހެނިހެން މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ތިބީ ގަދަރާއި އިޙުތިރާމް މިދިޔަ ސަރުކާރުގައި ދުއްވާލާފައި، އެގޮތަށް ވާންޖެހުނީ ސިވިލްސަރވިސް ކޮމިޝަނުން އެމީހުންގެ މަސްއޫލިއްޔަތު ރަގަޅަށް އަދާނުކުރުމުން. އުންމީދު ކުރަނީ 28 މެއި 2024 އިން ފެށިގެން މިފަދަކަންކަން ރަގަޅުކޮށް މުވައްޒަފުންނަށް އަމާންކަމާއި ހިތްހަމަ ޖެހުމާއި އެކު މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް.