ސޭޝެލްސް އާއި ރާއްޖެއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން ފުޅާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ސޭޝެލްގެ ރައީސް ވިވެލް ރަމަކަލަވަން މަޝްވަރާކުރެއްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ސޭޝެލްގެ ރައީސްއާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، އެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގަި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ދެގައުމުގެ ފަތުރުވެރިކަން އަދި ސިއްޚީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ދެ ރައީސުންވެސް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި އެއްބާރުލުން ދީގެން ކުރިއަށްދާން ދެ ގައުމުންވެސް އެއްބަސްވި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ސިޑްސް ގައުމުތަކަށް ހުރި ގޮންޖެހުންތަކާމެދު ދެ ރައިސުން މަޝްވަރާ ކުރެއްވިއިރު ރާއްޖެ އާއި ސޭޝެލްއަށް ދިމާވެފައި ވަނީ ދާދި އެއް މައްސަލަތަކެވެ. އެހެންކަމުން ދެގައުމުން ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ހަމައެއާއެކު ދެގައުމުގައިވެސް ޒުވާނުންނާއި ގުޅޭ އެކިއެކި ކަންކަމާއި، ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ އިތުރުން، އިންޑިއާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމާއި، މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ މައްޗަށް ދެ ރައީސުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ހުރިހާ ދާއިރާއެއްގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސޭޝެލްސްގެ ރައީސް ވަނީ ދެއްވާފައެވެ.