މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއު މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެ ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، އައިސް ކެޕޭސިޓީ އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ވެރިކަމާ ހަވާލުވިފަހުން 11 އައިސް ޕްލާންޓެއް މިހާރު ވާނީ މިފްކޯއާ ހަވާލު ކުރެވިފައި، މިފްކޯއިން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި. އެ މަސައްކަތްތައް މިހާރު އެވަނީ ޓެންޑަރިން މަރުހަލާގައި." ޝިޔާމް ވިދާޅުވިއެވެ.

އެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ފާޅުކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީ އައިސް ލިބުމުގައި ހުރި ދަތިތަކެވެ. އެގޮތުން އައިސް ހޯދުމަށް ދުރަށް ދަތުރުކުރަންޖެހުމާއި ކިއުގައި ގިނައިރު ހޭދަކުރަންޖެހޭ ކަމުގެ ޝަކުވާ މަސްވެރިން ކުރެއެވެ.

އެ މަޝްރޫއުގެ ދަށުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ށ. ކޮމަންޑޫ، ޅ. ނައިފަރު، އއ. ރަސްދޫ، މ. ވޭވަށް، ދ. ބަނޑިދޫ، ދ. މީދޫ، ހއ. އިހަވަންދޫ އަދި ގދ. ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރެއިން ފަސް އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ ހަ ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގައެވެ.

ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު 11 އައިސް ޕްލާންޓެއް ގާއިމްވުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.