ހުޅުމާލެ ފަރުކޮޅުފުށީގައި ޤާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ފާއިތުވީ 6 މަސްދުވަހު ކުރި މަސައްކަތްތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަމީލާ ވިދާޅުވީ، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދީ އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ.

"މިވަގުތު ބައުންޑްރީ ވޯލްގެ ތެރޭގައި ޝެލްޓާ އެޅުމަށް ނިންމާފައިވާ ތަން ނޫން އެހެން ތަނެއްގައި އަޅުގަނޑުމެން ހިޔާކޮށްގެން ޕާޓިޝަންތަކެއް ޖަހައިގެން މަގުމަތީގައި މިއުޅޭ ބުޅާތައް ބެޗް ބެޗަށް ގެންދިޔުމުގެ މަސައްކަތް މިކުރަނީ." ރަމީލާ ވިދާޅުވިއެވެ.

ކެޓް ޝެލްޓާ އެޅުމަށް މިހާރު ކޮންޓްރެކްޓާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް 22 ދުވަސްތެރޭ ނިންމާލެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ މުއްދަތުގެ ކުރިން ވެސް މަގުމަތީގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް އެ ވުޒާރާއިން ވަގުތީ ގޮތުން ކުރަމުންދާކަން ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

ކެޓް ޝެލްޓާ ނިމެންދެން ވަގުތީ ގޮތުން ބުޅާތަކަށް ހިޔާވަހިކަން ދިނުމަށްޓަކައި ބައުންޑްރީ ވޯލް މަސައްކަތް ނިންމާލުމަށްފަހު ވަކިވަކިން ބުޅާތައް ގެންގުޅެވޭ ގޮތަށް ވަގުތީ ގޮތުން ތަންތަން ހިޔާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރަމީލާ ވަނީ ވިދާޅުވެފައެވެ.

"އެތަން ނިމުމާއެކު އަޅުގަނޑުމެން ބުޅާތައް ގެންދަން ފަށާނަން." ރަމީލާ ވިދާޅުވިއެވެ.

ރަމީލާ ވިދާޅުވީ މިވަގުތު އެ ވުޒާރާގައި ޖަނަވާރުތަކަށް ހާއްސަ 2 ޑޮކްޓަރުން އެބަތިބި ކަމަށާއި އެ ޑޮކްޓަރުން ބޭނުންކޮށްގެން ބުޅާތަކުގެ އެސެސްމެންޓެއް ހެދޭނެ ކަމަށެވެ. އެގޮތުން ބުޅާތަކަށް ޖެހިފައިވާ ބަލިތަކާއި ބުޅާތަކުގެ ހާލަތު ބަލައި އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާތައް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަގުމަތިން ނަގާ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމަށްފަހު އެ ބުޅާތައް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ބުޅަލާއި ދޫނި ހިމެނޭހެން ގެންގުޅޭ ޖަނަވާރާއި ދޫނިތައްވެސް ރަޖިސްޓާކޮށްގެން ބެލެހެއްޓިގެން ވެރިފަރާތެއް ހުރެގެން ގެންގުޅެވޭނެ ކަހަލަ ނިޒާމްތަކެއް ގެނައުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"ބުޅާ ޕެޓްގެ ގޮތުގައި ގެންގުޅެން ބޭނުންފުޅުވާ ފަރާތްތަކަށް އަޅުގަނޑުމެން ހަމަ އެތަނުގައި މި ގެންދެވޭ ބުޅާތަކުގެ ތެރެއިން ބޭނުންވާ ފަރާތްތަކުން ބުޅާ ގެންގޮސްގެން ގެންގުޅެވޭނެ ގޮތަކަށް ހުޅުވާލެވޭނެ." ރަމީލާ ވިދާޅުވިއެވެ.

މަގުމަތީގައި އުޅާ ބުޅާތައް ނެގުމުގެ މައިގަނޑު އަމާޒަކީ އެކިއެކި ސަބަބުތަކާ ހުރެ ބުޅާތަކަށް ލިބޭ ގެއްލުންތަކުން އެ ބުޅާތައް ސަލާމަތް ކުރުން ކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސެން

    ހުޅުމާލޭގަ ބުޅަލާހެދީ އުލެވޭވަރެއްނޫން ކުނިކޮތަޅު ދޮރުކާރިޔަށް ނެރެވޭވަރެއްނޫން ހަމަފަޅަނީ ، ސެންތޮރަލް ޕާރކްގަ ، ރެސްޓޯރެންޓް ތަށްކާރީ ހުސްބުޅާ މީހުން ފަހަތުންވެސްދުވަނީ. ދެރަ.

  2. Anonymous

    ސާބަސް ހަމަ . ބުޅަލަށް ހިތާ ފަދަވެސް އިންސާނުންނާ ދޭތެރޭގައި ހީނުވޭ

  3. މަރިޔަމް

    އަހަރުމެން ގެ ޓެކްސްް ފައިސާ ހަރަދުކޮއްގެން މަގުމަތީ އުޅޭ ދިވެހި ޒުވާނުން ބޯހިޔާވަހިކޮއްދީބަލަ ކޮން ކެޓް މެޓް ވެޓެއް ކިޔާކަށެއް