ފާއިތުވީ ހަ މަސްދުވަސްތެރޭ މި ސަރުކާރުން ދަނޑުވެރިންނަށް 13 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޝާމާ ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 13 މިލިޔަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދީފައިވާ ކަމަށެވެ. އޭގެތެރޭ އަމިއްލަ ފަރުދުންނަށް ހަތަރު މިލިއަން ރުފިޔާ، އަދި ވިޔަފާރިތަކަށް އަށް މިލިއަން ރުފިޔާގެ ލޯނު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަނޑުވެރި ނަފާ"ގެ ނަމުގައި ކުރިޔަށް ގެންދާ މި ލޯނު ސްކީމަކީ އެސްޑީއެފާ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ. ވިޝާމާ ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގައި 7،600 ދަނޑުވެރިން އެބަތިއްބެވެ. އޭގެތެރެއިން 55 އިންސައްތައަކީ އަންހެނުންނެވެ. ޒަމާނީ ޓެކްނޮލޮޖީތަކާ އެކު ދަނޑުވެރިކަން ކުރަން ސަރުކާރުން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން އެ ވިޝާމާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ހައިޑްރޯޕޯނިކްސް ފާމިން ފެށުމަށްޓަކައި އދ.އޮމަދު އާއި ފ. ދަރަނބޫދޫ ކަނޑައަޅައި އެ ދެ ރަށުގައި އެކަމުގެ މަސައްކަތްތައް ފެށިގެން ކުރިޔަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިއިން ކޮންމެ ރަށެއްގެ 10 ދަނޑުވެރިންގެ ތެރެއިން ކޮންމެ ދަނޑުވެރިއަކަށް 50 ލެޓިއުސް އިންދޭ ހޮޅި ސިސްޓަމަކާއި ކިއުކަމްބާ މެލަންގެ 25 ގަސް ހެއްދޭ ވަރުގެ ޓްރަފް ސިސްޓަމެއް ފޯރުކޮށްދެވޭނެ. މިހާރު ކުރިއަށްދަނީ މި ރަށްތަކުގައި ސިސްޓަމުތައް ގާއިމްކުރުމަށް ތަކެތި ޕްރޮކިއުމެންޓް ކުރުމުގެ މަސައްކަތްތަކެއް،" ވިޝާމާ ވިދާޅުވިއެވެ.

މި ދެރަށުގައި ހިންގާ ޕްރޮޖެކްޓު ނިމޭނެ ކަމަށް އެ ވުޒާރާއިން ލަފާ ކުރަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެ ސިސްޓަމުން އެވްރެޖުކޮށް 12 ކިލޯގެ ފަތާއި، ކިއުކަމްބާ ސިސްޓަމުތަކުން 65 ކިލޯ އުފެއްދޭނެ ކަމަށް ވިޝާމާ ވިދާޅުވިއެވެ.

"މި އިންދާ ދުވަހުން ފެށިގެން 40 ދުވަހުގެ ތެރޭގައި ކިޔުކަމްބާ މާކެޓާ ހަމަޔަށް ނެރެވޭނެ އަދި ފަތްޕިލާވެލި 20 ދުވަސްތެރޭގައި މާކެޓާ ހަމަޔަށް ނެރެވޭނެ." ވިޝާމާ ވިދާޅުވިއެވެ.

ހައިޑްރޯޕޯނިކްސްގެ އިތުރުން ވާޓިކަލް ފާމިން މަސައްކަތް ފެށުމަށް ޅ.ނައިފަރާއި ރ.ހުޅުދުއްފާރު، ނ.ކެނދިކުޅުދޫ، ތ ކިނބިދޫގައި 1،000 އަކަފޫޓުގެ ގްރީން ހައުސްއެއް ހަދަން ނިންމާފައިވާ ކަމަށްވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާއިން ވަނީ ވިދާޅުވެފައެވެ. ކޮންމެ ގްރީން ހައުސްއެއްގައި ހަތަރު އެރޮޕޯނިކްސް ސިސްޓަމާއި 12 ޕައިންއެޕަލް ޓަވާސް ހަރުކުރެވޭއިރު، ޖުމްލަ 14 ސިސްޓަމް ހުންނާނެ ކަމަށް ވިޝާމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު